ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާވެއްޖެއެވެ.
މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަދު މެދު ރާއްޖޭގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކޮށްފައިވަނީ މެންދުރު 12:16 ގައި ކަމަށެވެ. އަދި މާދަމާ މެދު ރާއްޖޭގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރު 12:46 ގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބަލާއިރު މިއަދު އެންމެ ދިޔަވަރު ބޮޑު ވާނެކަމަށް ލަފާކުރެވެނީ 12:48 ގައެވެ. އަދި މާދަމާ މި ސަރަހައްދުގައި އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ މެންދުރުފަހު 01:17 ގައި ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ. އެހެންކަމުން މި ގަޑިތަކުގައި މިކަމަށް ސަމާލުވުމަށް ޤައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތުދެއްވައެވެ. އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވައި ޖެހޭ ގޮތަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރަައްވާފައެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ.