ޚަބަރު

އައިޖީއެމްއެޗުގައި ސަރޖަރީތައް ހެދުން މެނދުކެނޑުމަށްފަހު އަލުން ފަށައިފި


އައިޖީއެމް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ދިމާވި މައްސަލައކާއި ގުޅިގެން ޝެޑިއުލްކޮށް ކުރަން ހުރި ބައެއް ސަރޖަރީތައް އެހޮސްޕިޓަލުން ފަސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ ހެޑް މުޙައްމަދު މުފީދު ވިދާޅުވީ ހޮސްޕިޓަލުގައި ސަރޖަރީތައް ހެދުމަށް ބޭނުންކުރާ އެއް ތިއޭޓަރުގެ އެއަރ ކޮންޑިޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ފެންފައިބާތީ އެވަގުތު އެތިއޭޓަރުގައި ކުރަން ޝެޑިއުލްކޮށްފައިހުރި ސަރޖަރީތައް ފަސްކޮށްފައިވާކަމަށެވެ.

އެއްވެސް މައްސަލައެއް ތިއޭޓަރަކަށް ދިމާވާނަމަ އެތަނުގައި އެއްވެސް ސަރޖަރީއެއް ކުރިއަށް ނުގެންދާނެކަމަށާ، އެއީ ބަލިމީހުންގެ ފުރާނައާ ގުޅިފައިވާ ކަންކަމަށްވުމުން އެފަދަ ކަންކަމުގައި އެއްވެސް ރިސްކެއް ހޮސްޕިޓަލުން ނުނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމް އެޗުގައި ސަރޖަރީ ކުރުމަށް 4 ތިއޭޓަރ ބޭނުންކުރާއިރު އޭގެތެރެއިން އެއް ތިއޭޓަރަށް ދިމާވި މައްސަކައަކާ ގުޅިގެން ސަރޖަރީތައް ފަސްކުރީ ހޮނިހިރު ދުވަހުގެ ހެނދުނު އަށްގަޑި ބައިން ފެށިގެން މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށެވެ. ތިއޭޓަރަށް ދިމާވި މައްސަލަ ޙައްލުކޮށް މެންދުރުފަހުގެ ސަރޖަރީތައް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން، ޢުމުރުން ދުވަސްވީ މީހެއްގެ އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗުން ދެކޮޅު ހަދައި އަމިއްލައަށް ފަރުވާކުރުމަށް ދޫކޮށްލާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ބަޔަކު ފަތުރަމުންދާ ވާހަކައަކީ ހަޤީގަތާ ޚިލާފު ވާހަކައެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އަދި މިހާތަނަށް އެފަދަ ކަމެއްގެ ޝަކުވާއެއްވެސް ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ލިބިފައި ނުވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ހޮސްޕިޓަލުން ޢާއްމު ގޮތެއްގައި ބަލި މީހަކު ދޫކޮށްލާނީ އެބަލިމީހަކަށް ބޭނުންވާ އިތުރު ފަރުވާ އެހޮސްޕިޓަލުގައި ދެވެން ނެތް ޙާލަތްތަކުގައާއި ޢާއިލާއިން އެކަމަށް އެދުމުން ބަލަންޖެހޭ ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މިމައްސަލައާގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހޮސްޕިޓަލުން ދީފައިވާ ޑިސްޗާރޖު ލިޔުމުގައި ވަނީ އެހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން މެއިންޓެނަންސްގެ މަސައްކަތް ކުރިއަށްގެންދާތީ ޕޭޝަންޓުގެ އިތުރު ފަރުވާއާއި ތަހުލީލުތައް ކުރުމަށް އެހެން ސެންޓަރަކަށް ދިއުމަށް ލަފާދެއްވާފައެވެ.