ސިފައިންނާއި ފުލުހުން ގުޅިގެން ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ގޮތްތަކާއި ގުޅޭ ތަމްރީންތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައި ފަށައިފިއެވެ.
މިތަމުރީނުތައް މާލޭގައި ކުރިއަށްދަނީ އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަޙައްދުގައެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދަނީ ހުޅުމާލޭގައި ހުންނަ ސިފައިންގެ ހެޑްކުއަރޓަރސް ކައިރީގައެވެ.
ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުގައި ގޮވާ ޒާތުގެ ބައެއް ތަކެތި ބޭނުންކުރެއެވެ. ޢަދި މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ތަމްރީނުތަކަކީ ސިފައިން އާދައިގެ މަތިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެތެރެއިން ޕްރޮގްރާމެއްކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ސަލާމަތީ ބާރުތަކުން މި ތަމުރީނުތައް ފަށާފައިވާއިރު ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަންކަމާއި، ކުއްލިއަކަށް ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވަނީ މަޝްވަރާ ކޮަށްފައެވެ.
މިމަޝްވަރާތަކުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަވަށްޓެރި ސްރީލަންކާގައި މިދިޔަ މަހުގެ 21ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތެރިކާތެރިކަންކަމުން ސަލާމަތްވުމަށްޓަކައި ޤައުމީ ދިފާއި ބާރާއި ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.