ޔޫރަޕްގެ ޤައުމުތަކުން ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރަކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރ މި މަޝްވަރާކުރައްވާފައިވަނީ، ރުމޭނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ވައިސް ޕްރައިމް މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބަރޗޯލްއާގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދާއި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރވަނީ، ރާއްޖެއާއި ޔޫރަޕުގެ ޤައުމުތަށް، އަދި ވަކިން ޚާއްސަކޮށް ރޫމޭނިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރޫމޭނިއާއަކީ އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުންދާ ޤައުމުކަމަށްވުމާއެކު އީޔޫއިން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމާއި، ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއި ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 އިންސައްތަ ޑިއުޓީ ކުޑަކުރުމާއި ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. އަދި ޔޫރަޕުގެ ޤައުމުތަކަށް ދާން ނަގަން ޖެހޭ ވިސާ ނެގުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާއި ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ސިއްހީ ދާއިރާއާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުންނާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާގެ އިތުރުން ތަޢުލީމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެެވެ.
ފޮރިން މިނިސްޓަރ ރުމޭނިއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްއާގެ އިތުރުން އެ ޤައުމުގެ ސެކެޓްރީ އޮފް ދަ ސްޓޭޓް އޮފް ބިޒްނަސް އެންވާރަމެންޓް ގެބްރިއެއްލާ މިހެއިލާ ވޮއިސިލާއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓުތައް އިތުރުކުރުމާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެެވެ.
އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރުފުރޭނެއެވެ.