ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ ރާއްޖޭގެ ޤައުމީ ސްކޮޑަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޓްރެއިނިންގ ސެޝަންތަކަކީ މީގެކުރިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ނުވާވަރުގެ ވަރުގަދަ ޓްރެނިންގ ތަކެއް ކަމަށް ޓީ.ޓީ ޓީމުގެ މެނޭޖަރު ޖާދުﷲ ހަސަން(ޖޭޑް) ބުނެފިއެވެ.
ޖޭޑް ބުނީ އިންޑިޔާގެ ޕެނިކަލް އެކަޑަމީ އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ޓްރެނިންގތައް މިހާރު ކުރިއަށް ގެންދަނީ އިންޑިޔާގެ ކޯޗަކާއެކު ކަމަށާއި ދުވާލަކު ގާތްގަނޑަކަށް ހަ ގަޑިއިރު ހުރިހާ ކުޅުންތެރިންވެސް ޓްރެއިނިންގ ހަދާނެ ކަމަށެވެ.
ހަވީރާއި ރޭގަނޑު ޓްރެނިންގތައް ކުރިއަށްގެންދާއިރު ޤައުމީ ޓޭބަލް ޓެނިސް ސްކޮޑުގައި ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. މިގޮތުން ޖުމްލަ ތޭވީސް ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔަނަމަވެސް ފައިނަލް ޓީމުގައި ހިމެނޭނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.
ޤައުމީ ޓޭބަލް ޓެނިސް ޓީމްގެ މެނޭޖަރު ޖާދުﷲ ހަސަން ބުނީ ފައިނަލް ޓީމު ނަގާނީ ޖޫން މަހުގެ ފަހުކޮޅު ކަމަށާއި ފައިނަލް ޓީމު ނެގުމުގައި ފަސް ކަމަކަށް ބަލާނެ ކަމަށެވެ.
ޖުލައި މަހު މޯރީޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލޭންޑްސް ގޭމަށް ތައްޔާރުވަމުންދާ ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމުން މުބާރާތުގައި އެންމެ ދައްވެގެން ރިހި މެޑަލް ހޯދުމަށް އެސޯސިއޭޝަނުން ވަނީ ޓާގެޓް ކަނޑައަޅާފައެވެ.