ލީގުގެ އެންމެ ފަހު މެޗުގައި ބްރައިޓަން އެންޑް ހަވް އަލްބިއޯންގެ މައްޗަށް ކުރި ހޯދާ އިނގިރޭސި ޕްރިމިއަރ ލީގު މެންޗެސްޓަރ ސިޓީއިން ދިފާއުކޮށްފިއެވެ.
މެންޗެސްޓަރ ސިޓީ އިނގިރޭސި ޕްރިމިއަރ ލީގު ދިފާއުކުރީ ދެވަނާގައި އޮތް ލިވަޕޫލަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މެންޗެސްޓަރ ސިޓީ 98 ޕޮއިންޓް ހަމަކުރި އިރު ލިވަޕޫލަށް ލިބިފައިވަނީ 97 ޕޮއިންޓެވެ.
އަދި ލިވަޕޫލް ވެގެންގޮސްފައި ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރީހުގައިވެސް ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދާފައިވާ ޓީމަށެވެ. މެންޗެސްޓަރ ސިޓީ ލީގު ހޯދާފައި މިވަނީ އެޓީމް ލީގުގައި އެންމެ ފަހުން ކުޅުނު ސާދަ މެޗުވެސް ކާމިޔާބުކޮށްގެންނެވެ.
ލިވަޕޫލް ލީގުގެ ދެވަނައަށް ދިޔަ އިރު އެޓީމް މިސީޒަންގައި ބަލިވެފައިވަނީވެސް އެންމެ މެޗަކުންނެވެ. އެއީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ބައްދަލުކުރި ދެވަނަ މެޗުންނެވެ.
މިފަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގު މިރޭ ނިމުނުއިރު ލީގގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ތިން ކުޅުންތެރިއަކު ވަނީ ހޯދާފައެވެ. އެއީ ލިވަޕޫލްގެ ދެ ފޯވާޑުން ކަމުގައިވާ ސާދިއޯ މާނޭ އާއި މުހައްމަދު ސަލާޙް އަދި އާސެނަލްގެ ފޯވާޑް ޕިއޭ އެމަރިކް އައުބަމަޔެންގެވެ.
ލީގުގެ އެންމެ ގިނަ ކްލީން ޝީޓާއެކު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއެވެ.