ކޮޅުމަޑުލު ވިލިފުށީ ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ބަޔަކަށް ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.ފުލުހުން ބުނީ ތ. ވިލިފުށީގައި މަގު ހެދުމުގެ މަސައްކަތްކުރަމުންދިޔަ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލާގައި ރޭގެ ވަގުތެއްގައި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މިހާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ.ވިލިފުށީ ކައުންސިލްގެ ރައީސް ފުލުހުން ހައްޔަރުކޮށްފައިމިވަނީ އެރަށަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި އިންދަވާދެއްވި ނިކަ ގަހެއް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން އުފުރާލާ ނައްތާލި ކަމަށް ބުނާ ދަނޑިވަޅެއްގައެވެ.ވިލިފުށީ ކައުސިލްގެ އިދާރާއިން ބުނީ އެމްއާރްޑީސީން އިއްޔެ އުފުރާލާ ނައްތާލި ނިކަ ގަހަކީ ހަދަމުންދިޔަ މަގަށް އަރާގޮތަށް އިން ގަހެއް ނޫންކަމަށެވެ. އަދި މީގެކުރިން ގަހެއް ނުވަތަ ރުކެއްވިޔަސް ނެގުމުގެ ކުރިން ކައުންސިލާއި މަޝްވާރާކުރާކަމުންދިޔަ ނަމަވެސް އިއްޔެގެ ހާދިސާގައި އެއްވެސް މަޝްވާރާއެއް ކައުންސިލާއި ކޮށްފައިނުވާއިރު އެކަން އަންގާފައިނުވާކަމަށްވެސް ވިލިފުށީ ކައުންސިލުން ބުނެއެވެ.