ޚަބަރު

ކުޅުދުއްފުށީގައި ނަޒާޙަތްތެރިކަމުގެ ބިނާއެއް ހުޅުވައިފި


ރާއްޖޭގައި މިއަދު ފުރަތަމަ ފަހަރަށް ފާހަގަކުރާ ޤައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ހދ. ކުޅުދުއްފުށީގައި ނަޒާޙަތްތެރިކަމުގެ ބިނާއެއް ހުޅުވައިފިއެވެ.ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ހދ. ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނަޒާޙަތްތެރިކަމުގެ ބިނާ ހުޅުއްވައިދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީއެވެ.ބިނާ ހުޅުވުމަށްފަހު އޭސީސީގެ ރައީސްވަނީ، މި ބިނާ ކުޅުދުއްފުށީ ކައުންސިލާ ޙަވާލުކޮށްފައެވެ.ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ބިނާއާއި ޙަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަލީ މުޙައްމަދުއެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކޮށް ނަޒާޙަތްތެރިކަމުގެ ބިނާ ހުޅުވުމުގެ މަޤްސަދަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް ނަޒާޙަތްތެރިކަން ކުރިއެރުވުން ކަމަށެވެ.ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.އެގޮތުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޖަލްސާ މިރޭ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި އޮންނާނެއެވެ.