ކުޅިވަރު

ލުކާ ޔޮވިކް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ


ޖަރުމަންގެ އެއިންޓްރެޗް ފްރެންކްފާޓްގެ ފޯވާޑް ލުކާ ޔޮވިކް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ސާރބިއާގެ ފޯވާޑް ޖޮވިކް ރެއާލްއަށް ބަދަލުވީ 60 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން 21 އަހަރުގެ ފޯވާޑް ރެއާލްއާއިއެކު ސޮއިކޮށްފައިވަނީ 5 އަހަރުގެ ކޮންޓްރެކްޓެއްގައެވެ.

އެއިންޓްރެޗް ފެރެންކްފާޓަށް މި ސީޒަންގައި 27 ގޯލް ޖަހައިދިން ފޯވާޑްވަނީ އެޓީމް ޔޫރޮޕާ ލީގު ސެމީ ފައިނަލަށް ގެންގޮސްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޖޮވިކް ހޯދުމަށް ރެއާލްގެ އިތުރުން އިނގިރޭސި ބައެއް ކުލަބުތަކުންވެސް މަސައްކަތްކުރިއެވެ. ޖޮވިކްއަކީ ކޯޗު ޒިދާން ކުރިއަށް އޮތް ސީޒަނަށް ރެއާލްއަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. އެކުލަބުންވަނީ ޕޯރތޯގެ ޑިފެންޑަރ މިލިޓާއޯވެސް ސީޒަން ނިމުމުގެ ކުރިން އެކުލަބަށް ގެނެސްފައެވެ.

ރެއާލް މެޑްރިޑުން މިހާރު އެންމެ ބޮޑަށް ހޯދަން މަސައްކަތްކުރާނީ ޗެލްސީގެ އެޑެން ހަޒާޑެވެ. ކުލަބަށް ކުޅުންތެރިން ގަތުމަށް ރެއާލް މެޑްރިޑްގެ މެނޭޖުމަންޓުންވަނީ 500 މިލިއަން ޕައުންޑްގެ ބަޖެއްޓެއް ކަނޑައަޅާފައެވެ.