ޚަބަރު

ބަޔާން މިޔުނިކް ޖެހިޖެހިގެން 7 ވަނަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކޮށްފި


ލީގުގެ އެންމެ ފަހުމެޗުގައި އެންޓްރެކްޓް ފްރޭންކްފާޓް ބަލިކޮށް ޖަރުމަން ބުންޑަސްލީގާ ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ބަޔާން މިޔުނިކުން އުފުލާލައިފިއެވެ.

ބަޔާން ބުންޑަސްލީގާ ޔަގީން ކުރީ ލީގުގެ އެންމެ ފަހުމެޗު ކާމިޔާބުކޮށް ލީގުގެ ދެވަނާގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. ލީގުގެ ފުރަތަމަ ބާރަ މެޗަށްފަހު އޭރު ބަޔާން އޮތީ ބޮރޫޝިއާ ޑޯޓްމުންޑަށްވުރެ ނުވަ ޕޮއިންޓް ފަހަތުގައެވެ. އެހެންނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތައް ރަނގަޅުކޮށް މަޑުމަޑުން ލީޑް ކުޑަކުރަމުން އައިސް ބަޔާން އިން ލީގު ތާވަލްގެ އެންމެ ކުރިއަށް ޖެހެލީ ލީގު ނިމެން ހައެއްކަ މެޗަށް ވެފައި ވަނިކޮށެވެ.

ލީގުގެ މިރޭ ކުޅުނު ފަހު މެޗު އެއްވަރު ކޮށްލައިގެންވެސް ބަޔާންއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތެވެ. އެހެންނަމަވެސް މިމެޗުގައި ބަޔާން މިޔުނިކުން ވަނީ ތަފާތު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު ފަހެއް އެކަކުން މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް ބަޔާންއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން މިޑްފިލްޑަރ ކިންގްސްލީ ކޯމާންއެވެ. އޭގެ އިރުކޮޅެއް ފަހުން އެންޓްރެކްޓް ފްރޭންކްފާޓުން ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސެބަސްޓިއަން ހެލާއެވެ.

ބަޔާންއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ޑިފެންޑަރ ޑޭވިޑް އަލާބާއެވެ. އަދި ބަޔާންއިން މެޗުގައި ޖެހި އަނެއް ތިން ލަނޑުވެސް ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ތިން ކުޅުންތެރިންނެވެ. އެއީ ފުރަތަމަ ހާފްގައި ގޮރެޓްޒްކާގެ ބަދަލުގައި ކުޅެން ނިކުތް ޕޯޗުގަލް މިޑްފިލްޑަރ ރިނާޓީ ސަންޗޭޒް އާއި ބަޔާންގެ ޖޯޒީގައި އެންމެ ފަހު ފަހަރަށް ދަނޑުމަތިން ފެނިގެންދިޔަ ތަޖްރިބާކާރު ދެ މިޑްފިލްޑަރުން ކަމުގައި އާރްޔަން ރޮބެން އަދި ފްރާންކް ރިބަރީއެވެ.

ރިބެރީ އާއި ރޮބެންގެ އިތުރުން މިސީޒަންގައި ބަޔާން ދޫކޮށްލާ އެނެއް ކުޅުންތެރިއަކީ ތަޖްރިބާކާރު ޑީފެންޑަރު ރަފިންހާއެވެ. މި ތިން ކުޅުންތިރެންގެވެސް އަގު ބަޔާންގެ ސަޕޯޓަރުން ވަނީ މެޗަށްފަހު ވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.