ޚަބަރު

ފުވައްމުލައް ސިޓީގެ ދޫޑިގަމާއި މާލެގަން ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބޭ


ފުވައްމުލަކު ސިޓީގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް މައްސަލަ ހައްލުވަންދެން ވަގުތީގޮތުން ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ރޭ ފަތިހު ފުވައްމުލަކުން ކަރަންޓު ކެނޑުމަށްފަހު މިއަދު ހެދުނުގެ ވަގުތުގައި ފުވައްމުލަކު ދޫނޑިގަމާއި މާލެގަން ބައެއް ސަރަހައްދުތައް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ވަނީ ކަރަންޓު ލިބިފައެވެ.

ފުވައްމުލަކު ސިޓީގައި ހުންނަ ފެނަކަ އޮފީހުން ބުނީ ދޫނޑިގަމު ސަރަހައްދަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. އަދި މި މައްސަލަ ހައްލުވަންދެން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ކަރަންޓު ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފެނަކައިން ބުނެއެވެ. ކަރަންޓް ކޭބަލަކަށް ދިމާވި މައްސަލައަކާާ ގުޅިގެން ދާދިފަހުންވެސް ފުވައްމުލަކު ސިޓީއިން ކަރަންޓް ކެނޑިފައިވެއެވެ.