އައްޑޫ ސިޓީ ލިންކް ރޯޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިން އައްޑޫސީޓީ ކައުންސިލާއި ހަވާލު ކޮއްފައިވާ ތަކެތި ހަރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އައްޑޫސިޓީ ލިންކްރޯޑުގެ ރައްކާތެރި ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހަސަން ނަޒީރު ވިދާޅުވީ، ލިންކްރޯޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ލިންކް ރޯޑުގެ އަރިމަތީ ރިފްލެކްޓަރ، ޑިވައިޑަރސް އަދި ދުވެލި މަޑުކުރުމަށް ހުންނަން ޖެހޭ އެހެނިހެން އާލާތްތަށް ކައުންސިލާއި ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ރޯދަމަސް ކުރިން ކައުންސިލާއި އެކު ބޭއްވުނު ބައްދަލުވުމުގައި ރޯދަމަސް ތެރޭ އެމަސައްކަތް ކުރިއަށް ގެންްގޮސްދެއްވާނެ ކަމުގެ ޔަޤީން ކަން ކައުންސިލުން އަރުވާފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ އަދަދެއްގެ އެއްޗެތި ހޯދައިދެވިފައި ވެއްޖެ. އެމަގުގެ ރައްކާތެރިކަން މިހާރުހުރިވަރަށް ވުރެން އިތުރަށް ގެނައުމައްޓަކާ، ކަންތައްތަކެއް ކުރަން އައްޑޫސިޓީ ކައުންސިލާއި މިހާރުވެސް ވަނީ ހަވާލު ކުރެވިފަ. ރޯދަމަސް ފެށުމުގެ ކުރިން އަޅުގަނޑުމެން އައްޑޫސިޓީ އަށް ގޮސް ދެކެވުނު ވާހަކަަތަކުގައި އަޅުގަނޑުމެންނަށް ޕްރޮމިސް ކުރެވިފައި އޮތީ ރޯދަމަސްތެރޭގައި، ރިފްލެކްޓަރސްތަކާއި ޑިވައިޑާރސް ތަކާއި އަދި ސްޕީޑް މަޑު ކުރުމައްޓަކާ މިޖަހަން ޖެހޭ އެއްޗެތި ޖެހުމުގެ ކަންތަށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް. އަޅުގަނޑުމެންނަށް އެކަންތަށް ކުރެވުނީމަ، ކޮންމެވެސް ވަރެއްގެ ކަންތަށް ތަކެއް ކުރެވި އެތަނުގެ ސްޕީޑް ލިމިޓް ކުރެވިގެން އަންނާނެ ކަމަށް އެބަ ބެލެވޭ." ނަޒީރު ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ޕީއެސްއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ، އެމަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން އެތެރޭގައި ކުރަން ޖެހޭ އަމަލީ މަސައްކަތްތަށް މިހާރު ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މޫސުން ތަންދޭ ނަމަ، އަންނަ ހަފްތާގެ އާދީއްތަ ނުވަތަ ހޯމަ ހިސާބުގައި މަގުތަކަތަށް ނިކުމެ އެތަކެތި ހަރުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އައްޑޫސިޓީ ލިންކްރޯޑުގައި މިދިޔަ މަހުވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފުރާނަ ގެއްލިފައެވެ. އޭރު ކައުންސިލުން، ލިންކްރޯޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަން ވަނީ ހާމަކޮއްފައެވެ. ނަމަވެސް ރޯދަމަހާއި ދިމާކޮށް މަސައްކަތް ކުރަން ޖެހޭ ވަގުތު ކުޑަވުމުން މަސައްކަތް ފެށުން ލަސްވެގެން ދިޔަ ކަން ކައުންސިލުން ފާހަގަ ކުރެއެވެ.