ޚަބަރު

އިންޑިޔާގެ މުބާރާތަކަށް ސްޕެޝަލް އޮލިމްޕިކްސްގެ ފުޓްބޯޅަ ޓީމްއެއް އެކުލަވާލަނީ


ސްޕެޝަން އޮލިމްޕިކްސް 5 އަސައިޑް ޔުނިފައިޑް ފުޓްބޯލް ޗެންޕިއަންޝިޕްގައި ވާދަކުރާ ޓީމް ހޮވުމުގެ މަސައްކަތް ފަށައިފިއެވެ.

މިމުބާރާތަކީ އިންޑީޔާގެ ޗެންނާއިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިޓީމް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ ސްޕެޝަން އޮމިމްޕިކްސް މޯލްޑިވްސްއާއި އެފްއޭއެމް ގުޅިގެންނެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އަންހެން އަދި ފިރިހެން ޓީމެކެވެ. ޓީމް އެކުލަވާލުމުގެ ގޮތުން ހިރިޔާ ސްކޫލްގައި ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ސްޕެޝަލް އޮމިމްޕިކްސް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސްޕޯޓްސް އަހުމަދު މުހައްމަދު ބުނީ މިޓީމްގައި ބައިވެރި ކުރާނީ 9 އަހަރުން މަތީގެ ކުދިންކަމަށާއި ޓީމް ނަގާނީ ވިހާވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަށްފަހުގައިކަމަށެވެ.

މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ހާއްސައެހީއަށް ބޭނުންވާ ކުދިންނަކީވެސް މުޖްތަމަޢު ބަލައިގަންނަ، އަދި މިފަދަ ކުދިންނަށްވެސް ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށްވެސް އެސްއޯ މޯލްޑިވްސްގެ ފަރާތުން އަހުމަދު މުހައްމަދު ބުންޏެވެ.

ސްޕެޝަން އޮލިމްޕިކްސް 5 އަސައިޑް ޔުނިފައިޑް ފުޓްބޯލް ޗެންޕިއަންޝިޕް އިންޑިޔާގެ ޗެންނާއީގައި ކުރިއަށްދާނީ އޯގަސްޓް މަހުގެ ދޭކުން ހަތަކަށެވެ.

ސްޕެޝަން އޮލިމްޕިކްސް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސްޕޯޓްސް އަހުމަދު މުހައްމަދު ބުނީ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތިގެ އޯޕަން ޑޭ ބާއްވައި ގައުމީ ޓީމްތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެކަމަށެވެ.