ޚަބަރު

އައްޑޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ ބެޑްމިންޓަން ކޮމްޕްލެކްސްއެއް އަޅަނީ


އައްޑޫސިޓީގައި ބައިނަލްއަޤްވާމީ މުބާރާތްތަށް ބޭއްވޭނެ ފެންވަރުގެ ބެޑްމިންޓަން ކޮމްޕްލެކްސް އެށް އެޅުމަށް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް (އޭޕީސީ) އާއި ހަވާލު ކޮއްފިއެވެ.

ޔޫތު މިނިސްޓްރީން އައްޑޫސިޓީ ކައުންސިލް މެދުވެރިކޮށް އޭޕީސީ އާއި ހަވާލު ކޮއްގެން ހިންގާ މި މަޝްރޫއަށް ހަމިލިއަން ރުފިޔާގެ ޙަރަދުވެގެންދާނެއެވެ. މިމަަޝްރޫއު 4 މަސް ދުވަސް ތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

އައްޑޫސިޓީ ކައުންސިލުގައި ސޮއި ކުރެވިގެން ދިޔަ މި އެއްބަސް ވުމުގައި ކައުންސިލް ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞޯދިގެވެ. އޭޕީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އޭޕީސީ ވައިސް ޗެއާޕާސަން އާއިޝަތު ޝަމާއެވެ.

މިމަޝްރޫޢުގެ ދަށުން ހިތަދޫ ޔޫތު ސެންޓަރު އިމާރާތް ހުރި ބިމުގައި 4 ބެޑްމިންޓަން ކޯޓު ހިމެނޭ ގޮތަށް ދެ ބުރީގެ އިމާރާތެއް އަޅާނެއެވެ. މިކޮމްޕްލެކްސްގައި ބެޑްމިންޓަން ހޯލަކާއި ޗޭޖިންގް ރޫމްސް އަދި އޮފިޝަލް ރެސްްޓްރޫމްސް ފަދަ އިތުރު ވަސީލަތްތަށް ޤާއިމް ކުރެވިގެން ދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

އައްޑޫސިޓީ ގައި ބައިނަލްއަޤްވާމީ މުބާރާތްތަށް ބޭއްވޭ ފެންވަރުގެ ބެޑްމިންޓަން ކޮމްޕްލެކްސް އެށް އެޅުމަށް ނިންމާފައި މިވަނީ، ސައުތު އޭޝިއާގެ 21 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް މިފަހަރު އައްޑޫގައި ބޭއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިވަނިކޮށެވެ.