ކުޅިވަރު

އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވޭ - އުނާއީ އެމްރީ


2018ވަނަ އަހަރު ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވިކަމަށް އެ އަހަރު އޭނާއަށް އިރުޝާދުދިން ކޯޗު އުނާއީ އެމްރީ ބުނެފިއެވެ.

އެމްޕާބޭ ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި އޭނާއަށް އިރުޝާދުދިނީ އާސެނަލްގެ މިހާރުގެ ކޯޗު އުނާއީ އެމްރީއެވެ. ފުރަތަމަ ސީޒަނަށްފަހު މިދިޔަ އަހަރު އެމްޕާބޭ ހޯދުމަށް ރެއާލްއިން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެއީ ފޯވާޑް ރޮނާލްޑޯ ރެއާލް ދޫކޮށްލަން ތައްޔާރުވެފައި ހުރުމުން އޭނާ ނެތްތަން ފޫބެއްދުމަށެވެ. .އެހެންނަމަވެސް ފަހު ވަގުތު ޕީއެސްޖީގައި އެމްބާޕޭ މަޑުކުރަން އެދުމުން އޭނާ އެކަމަށް އެއްބަސްވީކަމަށް އެމްރީ ބުންޏެވެ.

އެމްރީ ބުނީ ބާސެލޯނާއިންވެސް އެމްބާޕޭ ހޯދަން ބޭނުންވިކަމަށާއި، ނަމަވެސް އެމްބާޕޭ ބޭނުންވަނީ ރެއާލްއަށްދާންކަމަށެވެ. ފްރާންސް ލީގުގެ މި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އެމްޕާބޭ ގަތުމަށް ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ކުލަބު ބަދަލްކޮށްފާނެކަމުގެ އިޝާރާތެއް ދާދިފަހުން އެމްބާޕޭ ދިންނަމަވެސް އޭނާ ކުރިއަށް އޮތް ސީޒަންގައި ކުޅޭނީ ޕީއެސްޖީއަށްކަމަށް އެކުލަބުންވަނީ ބުނެފައެވެ. އަދި ރެއާލްއިން އެމްބާޕޭ ހޯދަން ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް އެކަމަށް ފުރަގަސްދޭނެކަމަށް ކޯޗު ތޯމަސް ޓުޝެލް ބުންޏެވެ.