ޚަބަރު

ކ.ގާފަރަށް ރިކޯޑު ޢަދަދަކަށް ވާރޭ ވެހިއްޖެ


ވޭތުވެދިޔަ 3 ގަޑިއިރުތެރޭގައި ރިކޯޑު ޢަދަދަކަށް ކ.އަތޮޅު ގާފަރަށް ވާރޭ ވެހިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

މޫސުމާއި ބޭހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނު 8:00 އިން ފެށިގެން ގާތްގަނޑަކަށް 3 ގަޑިއިރު ތެރޭގައި ގާފަރަށް 76 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. އަދި މިހާރުވެސް ގާފަރަށް ވާރޭވެހެމުންދާއިރު އެރަށު ކައުންސިލުން ވިދާޅުވީ ރަށުތެރޭގައި ފެންބޮޑުވެފައިވީނަމަވެސް މިހާތަނަށް ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިގެން އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައިނުވާކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 2 ގަޑިއިރުތެރޭގައި ރ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދޭތެރޭގެ ރަށްތަކަށާއި ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މިސަރަޙައްދުގައި ކަނޑު ދަތުރުފަތުރު ކުރާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މެދުރާއްޖެތެރެއަށް 18 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަދަވާއިރު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވެފައެވެ. މޫސުން ގޯސްވުމާއި ގުޅިގެން މެޓު އޮފީހުންވަނީ މިއަދު 11:15އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ރ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލަރޓްވެސްނެރެފައެވެ.

ހުޅަނގު މޫސުން ފެށުމާއި ގާތްވެފައިވާއިރު މިހާރުކުރަމުން މިދާ ވިއްސާރާއިގައި ރާއްޖޭގެ ބޮޑުބަޔަކަށް ވާރޭ ވެހެމުންދާއިރު ފެންބޮޑުވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކެވެ. އަދި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުންވެސް ކަމާ ގުޅުންހުރި އިދާރާތަކުން ކުރާ އިލްތިމާސްތަކަށް ސަމާލުވުންވެސް މުހިންމެވެ.