ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު
މީޑިޔާކައުންސިލުން ދޭ އެވޯޑްތަކާއެކު ނޫސްވެރިކަމުގެ ޤައުމީ އިނާމް
ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިޔާކައުންސިލުން ބުނެފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް
ފާހަގަކުރުމަށް މީޑިޔާ ކައުންސިލުން ކުރުމަށް ރޭވިފައިވާ ކަންކަމާބެހޭ
މައުލޫމާތުދިނުމަށް ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މީޑިޔާ
ކައުންސިލްގެ ކައުންސިލް މެންބަރ މުހައްމަދު އާމިރު ވިދާޅުވީ މި އިނާމަކީ
ރާއްޖޭގައި ގިނަ ޒަމާންތަކަކަށް ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާ
އެދާއިރާގައި ދެމިތިއްބެވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ދެވޭނެ އިނާމެއްކަމަށެވެ.
މި އިނާމް ދިނުމަށް މީޑިޔާކައުންސިލްގެ
ތިންމެންބަރެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން މަސައްކަތް ކުރަމުންދާކަމަށް
މީޑިޔާކައުންސިލުން މަޢުލޫމާތުދެއެވެ.
ނޫސްވެރިކަމުގެ ދާއިރާއިން ދެވޭ
އެވޯޑްތަކަށް މިހާތަނަށް ސޯޅަ ފަރާތަކުން ހުށައަޅާފައިވާކަމަށާ، އޭގެ ތެރޭން
އެއްފަރާތަކުން ކަނޑައެޅިފައިވާ ދުވަހަށްވުރެ ފަހުން ހުށައަޅާފައިވާތީ އެ
އެޕްލިކޭޝަން ބާޠިލްކޮށްފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި
ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި އެވޯޑްތައް ދެވޭނެ ފަރާތްތައް ނިންމޭވަރުވާނެކަމަށް
މީޑިޔާ ކައުންސިލުން ބުނެއެވެ.
މީޑިޔާކައުންސިލުން ބުނީ ނޫސްވެރިކަމުގެ
މިނިވަން ކަމުގެ ދުވަހާ ގުޅުވައިގެން ސްކޫލްތަކަށް ހުޅުވާލައިގެން ނޫސްލިޔުމާ،
ޚަބަރު ލިޔުމުގެ މުބާރާތެއް މިމަހު ފަންސަވީހުގައި ކުރިޔަށްގެންދިއުމަށްވެސް
ރޭވިފައިވާކަމަށެއެވެ.