ކުޅިވަރު

ނިއުގެ ކުރީގެ އިސްވެރިން އެފްއޭއެމްގެ ރައީސް ބައްސާމާއި ބައްދަލުކުރައްވައިފި


ނިއުރޭޑިއަންޓްގެ ކުރީގެ ދެ ޗެއަރމަނުންކަމަށްވާ ކުއީން ހަސަން ވަހީދާއި ހަސަން މަނިކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބައްދަލުކުރައްވައިފިއެވެ.

ނިއުރޭޑިއަންޓްގެ ބާނީ ކުއީން ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު އެފްއޭއެމްގެ ރައީސް ބައްސާމާއި ބައްދަލުކުރެއްވީ އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އަލުން ފުޓްބޯޅައިން ފުރުސަތު ލިބޭތޯ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.

ދިހަ ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުން އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭގެ ފަހުން އެފްއޭއެމްގެ ކޮންގްރެސްގައި ހުރިހާ ކުލަބުތަކަކުންވަނީ ސަސްޕެންޝަން ދަމަހައްޓަން ވޯޓުދީފައެވެ.

އެފްއޭއެމްގެ ސަސްޕެންޝަނާއިއެއެކު އަންނަ ކޮންގްރެސްއާއި ހަމައަށް އެ އިދާރާއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ނިއުއަށް ވާދަނުކުރެވޭނެއެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ގާތްވަމުން އަންނައިރު، ކުލަބު ވެއްޓިފައި އޮތް ވަޅުގަނޑުން ނެގުމަށް ސަޕޯޓަރުން އިސްވެ އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރީގެ ޗެއާމަން ކާނަލް މުޙައްމަދު ޒިޔާދުވަނީ ދާދިފަހުން އިސްތިއުފާވެސްދީފައި. އަދި ކުލަބުގެ އެކްޓިން ޗެއާމަނަކަށް ސައްޔިދު އަލީ ވަނީ ހަމަޖައްސާފައިެވެ. އެކްޓީންގ ޗެއާމަން ސައްޔިދު އަލީއާއި ސަޕޯޓަރުންވެސް މީގެކުރިންވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ބައްދަލުކޮށްފައެވެ.

އާ ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބިދާނެ ކަމަށް ބަލައި އެކުލަވާލާ ޓީމަށް ކޯޗުކޮށްދިނުމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމްއާއި އެކުލަބުން އަންނަނީ ވާހަކަދައްކަމުންނެވެ.

ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ނިއު އިން އަންނަނީ މަސައްކަތްކުރަމުން އަންނައިރު ދާދިފަހުން ފީފާއިންވަނީ މިދިޔަ އަހަރު ނިއުއަށް ކުޅުނު ޑިފެންޑަރ ހާރޫން އަމީރީއަށް ޖޭންޖެހޭ މުސާރައިގެ މައްސަލައިގައި އެކުލަބަށް އަދަބުދީފައެވެ. އަދި އަމީރީއަށްދޭންޖެހޭ ފައިސާ ދެއްކުމާއި ހަމައަށް ކުރިއަށް އޮތް ތިން ޓްރާންސްފަރ ބާޒާރުގައިވެސް ނިއުއަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާއިންވަނީ ނިއު ސަސްޕެންޑްކޮށްފައެވެ.