ޚަބަރު

ދިވެހިންނަށް ވިސާއާ ނުލައި އުރުދުންއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ


ދިވެހިންނަށް ވިސާއާ ނުލައި އުރުދުންއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒްސް ޢަބްދުﷲ ޝާހިދު 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މިނިސްޓަރ ޝާހިދު ވަނީ މި ބައްދަލުވުމުގެ ހަވާސާގައި، އުރުދުން، ބަންގްލަދޭޝް، އިންޑޮނޭޝިއާ، މިސްރު، ބުރުނައި އަދި ސައުދީ އަރަބިއްޔާގެ ޚާރިޖީވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި އެންމެ ފުރަތަމަ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވާފައިވަނީ، އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންވަނީ ދެ ޤައުމުގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި އުރުންދުންއާއި ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިންނަށް ވިސާއާ ނުލައި އުރުދުންއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، ބޭރުގެ އެކި ޤައުމުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން ސަރުކާރުން އެކި ޤައުމުތަކާއެކު މަޝްވަރާކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މައްކާގެ ޖިއްދާގައި ކުރިއަށް ގެންދިއަ މި ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އަބްދުލް ކަލާމް އަބްދުލް މުއުމިން އާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބަދައްލުވުމުގައި ބަންގްލަދޭޝްގެ ބޯޑަރު ސަރަަހައްދަށް ހިޖުރަކޮށްފައިވާ މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ދެ ޤައުމުގެ ޚާރިޖީގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑޮނޭޝިއާގެ ރައްޔިތުންނަށް ރާއްޖެއިން އޮން އެރައިވަލް ވިސާ ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ސާމިހް ޙަސަން ޝުކްރީއާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުންވަނީ ރާއްޖޭގެ ކޮންސިއުލޭޓެއް މިޞްރުގައި ޤާއިމުކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިޞްރުގެ ޚާރިޖީ ވަޒީރަށް ފަހު މިނިސްޓަރ ޝާހިދު ވަނީ ބުރުނައިގެ ސެކަންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒްސް އެންޑް ޓްރޭޑާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ޚާރިޖީ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި އެންމެ ފަހުން ބައްދަލުކުރައްވާފައިވަނީ ސަޢޫދީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްސްގެ ސްޓޭޓް މިނިސްޓަރ އާދިލް އަލް ޖުބައިރާއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ ސަޢޫދީއިން ރާއްޖެއަށް އެކި ދާއިރާތަކުން ވެދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.