ޚަބަރު

ބިލު ބޮޑުވުމުގައި އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނޫޅޭ- ސްޓެލްކޯ


ކަރަންޓު ބިލު ބޮޑުވުމުގައި އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނޫޅޭ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކުންފުނިން ބުނީ މާލޭގެ ޓެރިފް ރޭޓަށް ބަދަލުތަކެއް އައިސް ބިލަށް އޭގެ އަސަރުތަކެއް ކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކީ ހަޤީގަތެއް ނޫންކަމަށެވެ.

ސްޓެލްކޯއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދަޅުވީ ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ޢާއްމުންގެ ޝަކުވާތައް ލިބެމުންދާކަމަށާއި އެނގިގެންވިޔަސް އަދި ނޭނގިނަމަވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވެފައިވާކަމަށެވެ. އަދި ބިލު ބޮޑުވުމާއި ގުޅިގެން މިކަމުގައި ނޭދެވޭ އެއްވެސް ކަމެއް ހިނގަމުން ނުދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ބައެއް ގޭބިސީތަކުގެ ބިލުތައް ކުރީމަސްތަކާއި އަޅާބަލާއިރު ބޮޑު ޢަދަދަކުން ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިން ބުނީ ކަރަންޓު ބިލު ހަދަނީ ހަމައެކަނި އެއް ބޭންޑަކުން ނޫންކަމަށެވެ. ކަރަންތު ބިލު ހެދުމުގައި ބޭނުންކުރާ ނިސްބަތުން 5 ބޭންޑަކަށް އަގުތަށް ކަނޑައަޅާފައިވާކަމަށެވެ.

އެގޮތުން އާންމު ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވެ 500 އާއި 600 ގެ ބޭންޑަށް އަރާ ހިސާބުން ޔުނިޓަކަށް އަރާ މިންވަރު އިތުރުވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި 400 ޔުނިޓަށްވުރެ މަތީ ބޭންޑުތަކުން ކޮންމެ ޔުނިޓަކަށް ދެރުފިޔާ ތިރީސް އަށް ލާރި ޗާޖުކުރާނެއެވެ. 500 އަސް ވުރެ މަތީ ޔުނިޓެއްގެ ބޭންޑެއްނަމަ ދެރުފިޔާ އަށްޑިހަ ތިން ލާރި ޗާޖް ކުރާނެއެވެ. މީގެ އިތުރުން 600 ޔުނިޓުގެ ބޭންޑުން ތިން ރުފިޔާ 43 ލާރި ޖާޗްކުރާއިރު 600 ޔުނިޓަށްވުރެ މަތީ ބޭންޑެއްނަމަ ޗާޖް ކުރާނީ ހަތަރު ރުފިޔާ 13 ލާރިއެވެ.

އަދި ވިޔަފާރިތަކުން 600 ޔުނިޓުގެ ބޭންޑެއްނަމަ ތިން ރުފިޔާ އަށްޑިހަ އަށް ލާރި ކޮންމެ ޔުނިޓަކަށް ޗާޖް ކުރާނެއެވެ. އަދި 3000 ޔުނިޓުގެ ބޭންޑުން ކޮންމެ ޔުނިޓަކަށް ހަތަރު ރުފިޔާ ތޭވީސް ލާރި ޗާޖުކުރާއިރު 10000 ޔުނިޓުގެ ބޭންޑުން ކޮންމެ ޔުނިޓަކަށް ފަސްރުފިޔާ ފަސްދޮޅަސް ތިން ލާތި ޗާޖުކުރާނެއެވެ. އަދި 10000 ޔުނިޓަށް އަށް ވުރެ މަތީގެ ކޮންމެ ބޭންޑަކުން ޔުނިޓަކަށް ހަރުފިޔާ ފަންސާސް ތިންލާރި ޗާޖުކުރާނެއެވެ.

ސްޓެލްކޯއިން ބުނީ ފާއިތުވި 3 މަހުގައި ބިލު ބޮޑުވެފައިވަނީ މި ބޭންޑުތަކަށް ގިނަ ގޭގޭގެ ކަރަންޓު ބޭނުންކޮށްފައިވާ އިންސައްތަ އެރުމާއި ގުޅިގެންކަމަށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ބިލުތަކުން ދޭ ޑިސްކައުންޓަކީ ސަރުކާރުން މީގެ ކުރިން ޑީސަލުން ނަގަމުން އައި އިމްޕޯޓު ޑިއުޓީ ކަނޑާލުމާއި ގުޅިގެން ދޭ ޑިސްކައުންޓެއްކަމަށެވެ. އަދި މިއީ ކުރިން ޢާއްމުންގެ އަތުން ފިއުލް ސަރޗާޖުގެ ގޮތުގައި ނަގަމުން އައި މިންވަރު ކަމަށާއި މިހާރު ސަބްސިޑީގެގޮތުގައި ކަނޑައަޅައި މިޚަރަދު ނަގަނީ ސަރުކާރުންކަމަށް ސްޓެލްކޯއިން ބުނެއވެެ.

ސްޓެލްކޯއިން ބުނީ މާލެގެ ޓެރިފް ރޭޓުތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި ގެނައި ބަދަލަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަރަންޓު ފޯރުކޮށްދެމުންގެންދާ ޓެރިފް ރޭޓުތައް އެއްހަމައަކަށް ގެނައުންކަމަށެވެ. އެގޮތުން އަތޮޅު ތެރެއާއި މާލޭގެ އަގުތަށް ކަނޑައަޅާ ބޭންޑުތައް މިއަހަރުގެ މާޗުމަހުންފެށިގެން ވަނީ އެއްހަމައަކަށްގެނެސްފައެވެ. މީގެ އިތުރުން ވިޔަފާރިތަކުން ގްރޭޓާ މާލެ ފިޔަވާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ޓެރިފްގެ އޮނިގަނޑުވެސްވަނީ އެއްހަމަކޮށްފައެވެ.