ކުޅިވަރު

ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ އެތްލީޓަކަށް މެސީ


ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު މިދިޔަ ސީޒަންގައި ދުނިޔޭގެ އެންމެ ބޮޑު އާމްދާނީ ހޯދި އެތްލީޓްގެ މަގާމް ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީ ހޯދައިފިއެވެ.

ފޯބްސް މަޖައްލާއިން ހޮވާ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތްލީޓުގެ މަގާމް މެސީ ހޯދީ 127މިލިއަން ޑޮލަރު މިދިޔަ އަހަރު ހޯދައިގެންނެވެ. މެސީއަކީ މި ލިސްޓުގެ އެއްވަނަ ހޯދި ދެވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ.

މިދިޔަ އަހަރު ލިސްޓުގެ އެއްވަނައިގައި އޮތް ރޮނާލްޑޯ ދެވަނައަށް ވެއްޓުނީ މެސީއަށްވުރެ 18 މިލިއަން ޑޮލަރު މަދުން ލިބިގެންނެވެ. ރޮނާލްޑޯއަށް މިދިޔަ ސީޒަންގައި ޖުމްލަ ލިބުނީ 109 މިލިއަން ޑޮލަރެވެ.

ލިސްޓުގެ ތިންވަނައިގައި އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ. އެނާއަށްވަނީ 105 މިލިއަން ޑޮލަރު މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ އެތްލީޓުންގެ ލިސްޓުގެ ގަދަ ތިނެއްގައި ހުސް ފުޓްބޯޅަ ކުޅުންތެރިން ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. ލިސްޓުގެ ގަދަ ދިހައެއްގައި އިތުރު ފުޓްބޯޅަ ތަރިއެއް ނުހިމެނެއެވެ.

ހަތަރުވަނައިގައި ބޮކްސިންގ ތަރި ކަނޭލޯ އަލްވަރޭޒް ހިމެނޭއިރު، ފަސްވަނައިގައި އޮތީ ޓެނިސް ތަރި ރޮޖަރ ފެޑެރާއެވެ. އެމެރިކަން ފުޓްބޯޅަ ދެ ތަރިންކަމަށްވާ ރަސެލް ވިލްސަން އަދި އާރޮން ރޮޖާރސްއަށް ގަދަ ދިހަޔަކުން ފުރުސަތު ލިބުނުއިރު، ދެން ހިމެނެނީ ބާސްކެޓްބޯޅަ ތިން ތަރިންކަމަށްވާ ލެބްރޮން ޖޭމްސް، ސްޓެފެން ކަރީ އަދި ކެވިން ޑުރާންޓެވެ.

ފޯބްސް މަޖައްލާއިން ނެރުނު ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބުނު 100 އެތްލީޓުންގެ ލިސްޓުން ފުރުސަތު ލިބުނު ހަމައެކަނި އަންހެން އެތްލީޓަކީ 29.2 މިލިއަން ޑޮލާރާއިއެކު ލިސްޓުގެ 63ވަނައިގައި އޮތް ސެރީނާ ވިލިއަމްސްއެވެ.