މޮރީޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ޑަބަލްސް އިވެންޓުން ލޯ މެޑަލް ރާއްޖޭގެ ނަބީހާއާއި ނަބާހާ ހޯދައިފިއެވެ.
މޮރީޝަސްގައި ކުރިއަށްދާ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ލޯ މެޑަލް އާމިނަތު ނަބީހާ އަބްދުއްރައްޒާގްއާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގުގެ ޕެއަރ ހޯދީ ކުއާޓާރ ފައިނަލްގައި މުބާރާތުގެ އެއްވަނަ ސީޑް ބަލިކޮށް ސެމީ ފައިނަލްގައި މެލޭޝިޔާގެ ޕެއަރ އަތުން ބަލިވުމުންނެވެ. ސެމީ ފައިނަލްގައި މެލޭޝިޔާގެ ކަސްތޫރީ އަދި ވެނޯޝާ އަތުން ނަބީހާއާއި ނަބާހާ ބަލިވީ ސީދާ ދެ ސެޓުންނެވެ.
ކުއާޓަރ ފައިނަލްގައި މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ މިސްރުގެ ޑޮހަ ހަނީ އަދި ހަދިއާ ހުސްނީ އަތުން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. ނަބީހާއާއި ނަބާހާ އަތުން ބަލިވި މިސްރުގެ ދެ ކުޅުންތެރިންނަކީ ދުނިޔޭގެ ރޭންކިންގގެ 70ވަނައިގައި އޮތް ޑަބަލްސް ޕެއަރއެވެ. އަދި މިއީ މި މުބާރާތުގައި ވާދަކުރާ އެންމެ މަތީ ރޭންކުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.
ނަބީހާއާއި ނަބާހާ ބަލިކުރި މިސްރުގެ ޕެއަރވަނީ 2015އިން ފެށިގެން މި މުބާރާތާއި ހަމައަށް ކުޅުނު ހުރިހާ ބީޑަބްލިއުއެފްގެ މުބާރާތްތަކުގެ ޑަބަލްސް ފައިނަލްގައި ވާދަކޮށްފައެވެ. 8 މުބާރާތުގެ ތެރެއިން 7 މުބާރާތުގެ ޗެމްޕިއަންކަންވެސް މި ޕެއަރ ހޯދިއެވެ. ބީޑަބްލިއުއެފްގައި ނަބީހާ އަދި ނަބާހާގެ ޑަބަލްސް ރޭންކަކީ 186އެވެ. މި މޮޅާއިއެކު ދެ ކުޅުންތެރިންނަށް ދުނިޔޭގެ ރޭންކިންގގައި ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ.
މިއަހަރުގެ މޮރީޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްއިން ނަބީހާއާއި ނަބާހާ ލޯ މެޑަލް ހޯދިއިރު މިދިޔަ އަހަރުގެ ޑަބަލްސް އިވެންޓުން ދެ ކުޅުންތެރިންވަނީ ރިހި މެޑަލް ހޯދާފައެވެ.
މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ކުއާޓަރ ފައިނަލުން ނީލާ ނަޖީބާއި، މައިސާ ފަތުހުﷲ އިސްމާއިލް ބަލިވީ ދެވަނައަށް ސީޑްކޮށްފައިވާ މޮރީޝަސްގެ ޕެއަރ އަތުން ދެ ސެޓު އެއް ސެޓުންނެވެ. މިކްސް ޑަބަލްސް ކުއާޓަރ ފައިނަލްގައި ނީލާ ނަޖީބާއި، ނަޝީއު ޝަރަފުއްދީންގެ ޕެއަރ ބަލިވީ ތިންވަނައަށް ސީޑްކޮށްފައިވާ އެމެރިކާގެ ޕެއަރ އަތުންނެވެ.