ޚަބަރު

ޒުވާނުންގެ ތަރައްޤީއަށް 308.4 މިލިއަން ރުފިޔާގެ އެހީއެއް


ދިވެހި ޒުވާނުންނަށް ވަޒީފާއާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދިނުމަށް އެހީތެރިވުމަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދިނުމަށް ވޯލްޑް ބެންކުން ނިންމައިފިއެވެ.

ޒުވާނުންގެ ތަރައްޤީއަށް 20 މިލިއަން ޑޮލަރު ނުވަތަ 308.4 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ވޯލްޑް ބެންކުގެ ބޯޑް އޮފް ޑައިރެކްޓަރސްއިން ނިންމީ މިދިޔަ ހުކުރުދުވަހު ބޭއްވި އެބޯޑުގެ ބައްދަލުވުމުގައެވެ.

ވޯލްޑް ބެންކުން މަޢުލޫމާތުދޭ ގޮތުގައި މި އެހީގެ ސަބަބުން އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަލުވިވެގެންދާނެއެވެ. އަދި ސަރުކާރުން ވާސިލުވުމަށް މަސައްކަތްކުރާ ނޫ އިޤްތިޞާދުގެ ތަޞައްވުރަށް ވާސިލުވުމަށްވެސް މި އެހީގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

މިކަންކަމުގެ އިތުރުން، ވަޒީފާގެ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީވެސް މި އެހީގެ މަޤްޞަދެކެވެ. އެގޮތުން މި އެހީގެ ދަށުން އައި.ސީ.ޓީގެ ދާއިރާއިން އަންހެނުން ތަމްރީންކޮށް، ގޭގައި ތިބެގެންވެސް އާމްދަނީ ލިބޭނެ މަސައްކަތްތައްކުރުމަށް މަގުފަހިވެގެންދާނެކަމަށް ވޯލްޑް ބެންކުން ޤަބޫލުކުރެއެވެ.

ވޯލްޑް ބެންކުން މައުލޫމާތުދޭ ގޮތުގައި މި އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްތައް ވޯލްޑް ބެންކާ ގުޅިގެން ރާވާ ހިންގާނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ވޯލްޑް ބެންކުން ރާއްޖެއިން ދިން 20 މިލިއަން ޑޮލަރުގެ އެހީގައި ހިމެނެނީ ގްރާންޓްގެ ގޮތުގައި ދިން 10 މިލިއަން ޑޮލަރާއި ބައިނަލްއަޤްވާމީ އެކި ޖަމުޢިއްޔާތަކުންދޭ 10 މިލިއަން ޑޮލަރުގެ ކްރެޑިޓެވެ.