ޚަބަރު

ޙައްޖު ކޯޓާގެ މައްސަލަ ތަޙުގީގުކުރަންޖެހޭނަމަ އެކަން އަވަސްކޮށްދީ - އިސްލާމިކް މިނިސްޓީ


މިއަހަރުގެ ޙައްޖުކޯޓާ ކުންފުނިތަކަށް ދޫކުރުމުގައި ތަޙުގީގު ކުރަންޖެހޭވަރުގެ ކަމެއް އޮތްނަމަ ވީ އެންމެ އަވަހަކަށް އެކަން ތަޙުގީގު ކޮށްދެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދަޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު ޢަލީ ވިދާޅުވީ މިއަހަރުގެ ޙައްޖު ކޯޓާ ދޫކުރުމުގެ ކަންކަމުގައި މައްސަލަތަކެއް ހުރިކަމަށް އޭސީސީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވީނަމަވެސް ކޯޓާ ދޫކުރުމުގެ ކަންކަން މުޅިން ބާޠިލުކޮށް އަލުން ކޯޓާގެ ފުރުސަތަށް ހުޅުވާލަންޖެހޭވަރުގެ ކަމެއް އެމިނިސްޓްރީއަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަކަމެއް މިކަމުގައި ހިމެނޭކަމަށް އޭސީސީއަށް ޤަބޫލުފުޅުކުރެވޭނަމަ ވީއެންމެ އަވަހަކަށް މިކަން ތަޙުގީގުކޮށް ނިންމަވައި އެކަން އިސްލާމިކް މިނިސްޓްރީއަށް އަންގަވައިދެއްވުމަށް އޭސީސީގައި އެދިފައިވާނެކަމަށް އެމިނިސްޓްރީން ވިދާޅިވެއެވެ.

ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިއްމުކަމެއްގައި ނިންމާ ނިންމުން އަވަސްކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރައްވައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު ޢަލީ ވިދާޅުވީ ޙައްޖަށް މީހުން ގެންދިޔުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙައްޖަށް ގެންދިޔުމަށް ސަޢުދީ ސަރުކާރުން ލިބޭ އިތުރު ކޯޓާއަށް ހުޅުވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށާ އިތުރަށް ލިބޭ ކޯޓާގެ ކަންކަން ހަމަޖެހުމުން މިނިސްޓްރީން އެކަމަށް ޢިއުލާންކުރާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.