ވިޔަފާރި

ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް އަލުން ފަށަނީ


ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް އަލުން ފެށުމަށް ދެ ޤައުމުގެ ވެރިން ނިންމަވައިފިއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން ޙައްލުކުރުމަށް ފެށި މަޝްވަރާތައް މެދުކެނޑުނީ މިދިޔަމަހުގެ ތެރޭގައެވެ. އެއަށްފަހު ދެ ޤައުމުންވެސް ދަނީ އެއް ޤައުމުން އަނެއް ޤައުމަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސްވެސް ބޮޑުކުރަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއެކު ފޯނުން ކުރިއަށްގެންދިޔަ މަޝްވަރާތަކަކަށްފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ވިޔަފާރީގެ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ޖީ-ޓުވެންޓީ ސަމިޓުގެ ކުރިން ދެ ޤައުމުގެ އިސް އޮފިޝަލުންގެ މަޝްވަރާތައްވެސް ކުރިއަށްދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޗައިނާގެ ރަސްމީ މީޑިއާތަކުން ބުނާގޮތުން ޗައިނާގެ ރައީސް ޝީ ޖިން ޕިންވެސް ހުންނެވީ އެމެރިކާގެ ރައީސްއާ މަޝްވަރާކުރެއްވުމަށް ތައްޔާރަށެވެ. އަދި އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާކަމަށްވެސް ޗައިނާގެ އޮފިޝަލުން ބުނެއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް ޙައްލުކުރުމަށް ދެ ޤައުމުން މަސައްކަތްކުރަމުންދާއިރު، މިމައްސަލަތައް ޙައްލު ނުވެއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ވޯލްޑް ބެންކާއި އައި.އެމް.އެފްއިން ވަނީ ހާމަކޮށްފައެވެ.