ފުޓްބޯޅަ ރަނގަޅުކުރެވޭނީ އިޙްލާސްތެރިކަމެއް ހުރެގެން ކަމަށާއި ދިވެހި ޕްރިމިއަރ ލީގު ފެށިގެންދިޔައިރުވެސް ރަނގަޅުކުރަންޖެހޭ އެތައް ކަމެއް އެބަހުރިކަމަށްބުނެ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން އެފް.އޭ.އެމްއަށް ފާޑުކިޔައިފިއެވެ.
ސުޒެއިން މިހެން ބުނެފައިވަނީ އިއްޔެ ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މިމެޗު ތިނެއް އެކަކުން މާޒިޔާ ކާމިޔާބުކުރި އިރު ސުޒެއިން ބުނީ މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށާއި މެޗުތެރެއިން ގޯސްކޮށް ކުރެވުނު އެތައް ކަމެއް ފާހަގަކުރެވުނު ކަމަށެވެ.
އެހެންނަމަވެސް ދިވެހި ޕްރިމިއަރ ލީގު އަށް މަސް ދުވަހުގެ ބޮޑު ބްރޭކަކަށްފަހު ފެށިނަމަވެސް ރަނގަޅުކުރަންޖެހޭ އެތައް ކަމެއް ފާހަގަކުރެވިއްޖެ ކަމަށެވެ. މިގޮތުން ސުޒެއިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މުބާރާތް ކުޅެން ބޭނުންކޮށްފައިވާ ބޯޅައެވެ. ސުޒެއިން ބުނީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުޅެމުން މިދަނީ ކުރީގެ ބޯޅަތަކަކުން ކަމަށެވެ. މިއީ މިވަރުގެ ބޮޑު މުބާރާތަކަށް ގަބޫލްކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މީގެއިތުރުން ރޮސްޓްރަމް ކައިރީގައި ހުރި ޕްރިމިއަރ ލީގް ބެކް ޑްރޮޕްގައިވެސް ހުރީ މަތިން ސްޓިކާ ތަތްކޮށްފައިކަން ފާހަގަކޮށް ސުޒެއިން ބުނީ ކިތައްމެ ގިނަ ދުވަހެއް ވީނަމަވެސް ފުޓްބޯޅައިގެ ފެންވަރު ރަނގަޅުކުރެވޭނީ މިކަހަލަ ކުދި ކަންތައްތައްވެސް ރަނގަޅުކޮށްގެން ކަމަށެވެ.