އާ ސީޒަނަށް އެފްއޭއެމް ރަނގަޅަށް ތައްޔާރުވެފައިނުވާކަމަށް ބުނެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ފާޑުކިޔައިފައި ވަނިކޮށް ފޯކައިދޫންވެސް އެފްއޭއެމަށް ފާޑުކިޔައިފިއެވެ.
ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް މި މަހު ފެށިއިރު ލީގުގެ ގިނަ ކަންކަން ފެންނަނީ ވަރަށް ދޯދިޔާކޮށެވެ. ސީޒަން ހުޅުވި މެޗުގައި އެފްއޭއެމްގެ އިސްވެރިއެއް ނެތްއިރު، ޕޯސްޓް މެޗު ޕްރެސް ކޮންފެރެންސަށް ބޭނުންކުރާ ބެކް ޑްރޮޕްވެސްވަނީ ތައްޔާރުނުކޮށެވެ. އަދި މެޗުތައް ކުޅެފައިވަނީ މިދިޔަ ސީޒަންގައި ކުޅުނު ބޯޅަތަކުން. މީގެ އިތުރުން ލީގުގެ ފުރަތަމަ މެޗުތައް ކުޅުނީ ކުޅުންތެރިންނާއި އޮފިޝަލުންގެ ފާސްތައްވެސް ހަވާލުނުކޮށެވެ. ފޯކައިދޫ ޓީމުން އެފްއޭއެމަށް ފާޑުކިޔުންތައް އަމާޒުކުރީ އެންމެ ފަހުން ލީގުގައި އެޓީމް ދަ ގްރާންޑޭއާއި ވާދަކުރި މެޗަށްފަހުއެވެ. އެ މެޗުގެ ފަހު ހާފުގައި އެޓީމްގެ ކުޅުންތެރިއެއް ބަދަލުކުރަން އުޅުމުން ބެންޗުން އަރަން ހުރި ކުޅުންތެރިޔާގެ ފާސް ނެތްކަމަށްބުނެ އޭނާއަށް ކުޅެން އަރަން މެޗު ކޮމިޝަނަރު ފުރުސަތު ނުދިނުމެވެ.
މުޅި މެޗުގެ 85 މިނެޓު ބެންޗުގައި އިން ކުޅުންތެރިއަކަށް ކުޅެން އަރަން ފުރުސަތު ނުދިނުމުން ކޯޗު ނިޝްތާރު އެކަން ފާހަގަކުރީ ބޮޑު ޖޯކެއްގެ ގޮތުގައިއެވެ. ކޯޗު ނިޝްތާރު ބުނީ ރަޖިސްޓްރޭޝަން މައްސަލައެއް އުޅޭ ނަމަ އެ ކުޅުންތެރިޔާ އަށް ބެންޗުގައި ވެސް އިނދެވިގެން ނުވާނެ ކަމަށެވެ. ފޯކައިދޫގެ މެނޭޖަރު މެޗަށްފަހު ބުނީ މެޗު ފެށުމުގެ ކުރިން އެ ދުވަހު އެފްއޭއެމުން ހަވާލްކުރި ރަޖިސްޓްރޭޝަން ކާޑުތަކުގައި އެ ކުޅުންތެރިޔާގެ ކާޑު ނެތުމުން އެކަން އެފްއޭއެމްގެ އޮފިޝަލުންގެ ގާތުގައި ބުނިކަމަށާއި، ކާޑު ނެތަސް މެޗުގައި ކުޅުންތެރިޔާއަށް ކުޅުމުގެ ފުރުސަތު އޮންނާނެކަމަށް އެފްއޭއެމުން ބުނިކަމަށެވެ. އަދި މިކަމުންދޭހަވަނީ އެފްއޭއެމުން މި މުބާރާތަށްދޭ ސަމާލުކަން ފެންނަ މިންވަރުކަމަށްވެސް މެނޭޖަރު ބުނެފިއެވެ.