މާފަންނު ކޮޅުގައި ހަދަމުންދިޔަ
އިމާރާތެއްގެ ތެރޭގައި މަރާލާފައި އޮއްވާ ދެހާސް ދިހަވަނަ އަހަރު ފެނުނު މަރިޔަމް
ޝީރީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ލކަޅައިދޫ އޯޝަންވިލާ
މުހައްމަދު ނަޖާހް މައްޗަށް ޝީރީން މަރާލިކަމުގެ ކުށް ސާބިތުނުވާކަމަށް ކުރިމިމިނަލްކޯޓުން
ހުކުމްކޮށްފިއެވެ.
ޝީރީން ގާތްގުޅުމެއް
ބާއްވަމުންދިޔަކަމަށް ބުނާ މުހައްމަދު ނަޖާހްގެ މައްޗަށް ދައުލަތުން
އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ.
މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ
ތިން އަހަރެއްހާ ދުވަސްފަހުން މިއަދު
ކުރިމިނަލްކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ނަޖާހްގެ މައްޗަށް ކުށް
ސާބިތުކުރެވޭ ވަރަށް ދައުލަތުން ހެކި ހުށައަޅާފައިނުވާކަމަށެވެ. އެހެންކަމުން ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް
ސާބިތުނުވާކަމަށް ދަށުކޯޓްގެ ހުކުމްގައިވެއެވެ.
ޝީރީންގެ މަރުގެ މައްސަލާގައި، އެނާ
މަރާލުމަށްފަހު ފޮއްޓަކަށް ލައިގެން މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ
ތެރެއަށް ނަޖާހް ގެންދިޔަކަމަށް ބުނެ ދައުލަތުން ހެކި ހުށައަޅާފައިވެއެވެ. އޭގެތެރޭގައި އެ ފޮށި
އުފުލިކަމަށް ބުނާ ޓެކްސީގެ ޑްރައިވަރާ އެ ފޮއްޓާއި ފޮށިން ފެނުނަކަމަށް ބުނާ
ޑީންއެންއޭ ސާމްޕަލް ރިޕޯރޓްތައްވެސް ހިމެނެއެވެ. އެހެންމަވެސް މަރުވެފައި އޮއްވާ
ފެނުނު ޝީރިންގެ ހަށިގަޑު ބެލި ޑޮކްޓަރުން މި މައްސަލާގައި ހެކިބަސް ދެމުން
ބުނެފައިވަނީ ޝީރީންގެ ހަށިގަޑު ފެނުނުއިރުވެސް އޮތީ ކުނިވާން ފާށާފައިކަމަށާއި
އެހެންކަމުން މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެންކަމަށެވެ. އެހެންނަމަވެސް
ޕޯސްޓް މޯޓަމް ރިޕޯރޓެއް ދައުލަތުގެ ފަރާތުން ކޯޓަށް ހުށައަޅާފައެއް ނުވެއެވެ.
ދައުލަތުން މުހައްމަދު ނަޖާހްގެ
މައްޗަށް ދައުވާކޮށްފައިވަނީ ވިހި ޑިސެމްބަރ ދެހާސް ނުވައަކުން ފެށިގެން މާފަންނު
ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއި އެކު ނަޖާހް އުޅުނު
އުޅުމުގައި އޭނާ ޝީރީން މަރާލިކަމަށް ތުހުމަތުކޮށެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް ހަދަމުން
ދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް މަރުވެފައި އޮތް މަރިޔަމް
ޝީރީން ހަށިގަޑު އެއްލާލާފައި އޮއްވާ ފެނުނީ ދެހާސް ދިހަވަނަ އަހަރުގެ ޖެނުއަރީ
މަހުގެ ދެވަނަދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝީރީން ލާފައިވާކަމަށް ދައުލަތުން
ތުހުމަތުކުރާ ފޮށި ފެނިފައިވަނީ ނަޖާހްއާއި ޝީރީން އުޅުނު ގޭގެ
ކޮޓަރިތެރެއިންނެވެ. މިފޮށީގައި ހުރި ޑީއެންއޭގެ ހެކިތައް ނަޖާހްއާއި ގުޅޭކަމަށް
ދެއްކިނަމަވެސް ޝީރީން މަރާލީ ނަޖާހްކަން ސާބިތުކޮށްދެވޭވަރުގެ ސާފު ހެކިތަކެއް
ދައުލަތަށް ހުށަހެޅިފައިނުވާކަމަށް ހުކުމް އިއްވި ގާޒީ ވިދާޅުވިއެވެ.