ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖާއި ހަމައިން ކެޓުމުގެ ބިރާއި ކުރިމަތިވެފައި އޮތް އާޖެންޓީނާ ގްރޫޕްގެ އެންމެ ފަހު މެޗްގައި ގަތަރު ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގްރޫޕް ބީގެ އެންމެ ފަހު މެޗްގައި ގަތަރާއި ވާދަކޮށް އާޖެންޓީނާ މޮޅުވީ 0-2 އިންނެވެ. ރޭ އާޖެންޓީނާ އިން ހޯދި މޮޅާއެކު އެޓީމް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ ޓީމްގެ ގޮތުގަ އެވެ.
ރޭގެ މެޗުގައި އާޖެންޓީނާއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ ހަތަރު ވަނަ މިނެޓުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. މެޗްގެ ވަރަށް ކުރީކޮޅު އާޖެންޓީނާ އިން ލަނޑު ޖެހި ނަމަވެސް އެ ޓީމްގެ ފަރާތުން މެޗްގައި މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއްނުވެ އެވެ. އާޖެންޓީނާއިން ރޭގެ މެޗްގައި ޖެހި ދެ ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޕައޮލޯ ޑިބާލާ ދިން ބޯޅައަކުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.
މި މެޗްގައި އިތުރު ލަނޑުތަކެއް ޖަހަން ވެސް އާޖެންޓީނާ އަށް ފުރުސަތު ލިބުނެ އެވެ. ނަމަވެސް ކެޕްޓަން ލިއޮނަލް މެސީ އާއި އަގުއޭރޯ އަށް ލިބުނު ރަނގަޅު ފުރުސަތުތައް ވީ ބޭކާރެ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ވެނެޒުއޭލާއާ އެވެ. މި މެޗް އޮންނާނީ މި މަހުގެ 28 ވާ ހުކުރު ދުވަހު އެވެ.