ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ސާބިއާގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް މިނިސްޓަރ މަޙުލޫފު ފައްޓަވައިފިއެވެ.
މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފު މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ސާބިއާގައެވެ. މި ދަތުރު ފުޅުގައި މިނިސްޓަރވަނީ ސާބިއާގެ ސްޕޯޓްސް މިނިސްޓަރު އުޑޯވިޗިޗްއާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމް އައިއޯއައިޖީގެ ކުރިން ސާބިއާގައި ތަމްރީން ހެދުމުގެ ފުރުސަތު މިނިސްޓަރވަނީ ހޯއްދަވައިދެއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ މަޙުލޫފުވަނީ ސާބިއާ ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޯޓްސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ. މިނިސްޓަރ އެ ސެންޓަރު ސިފަކުރެއްވީ ޖާގައިގެ ގޮތުން ތަނަވަސް ގިނަ ފެލިޓީސްތަކެއް ޤާއިމްކޮށްފައިވާ ފެންވަރު ރަނގަޅު ސެންޓަރެއްގެ ގޮތުގައެވެ.
މިއަދު މިނިސްޓަރ މަޙުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޤައުމީ ޓީމަށް ސާބިއާގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިދިނުމާއި ގުޅޭގޮތުން ސާބިއާގެ ސްޕޯޓްސް މިނިސްޓަރާއި ބައްދަލުކުރައްވާނެކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރވަނީ ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިޕްސަރެވިޗްގެ ޓެނިސް އެކަޑެމީ ބައްލަވާލައްވާފައެވެ. އަދި ޓިޕްސަރެވިޗާއިއެކު މިނިސްޓަރވަނީ ރާއްޖޭގައި ޓެނިސް ފުޅާކުރުމާއި ގުޅޭގޮތުން އޭނާއާއި މަޝްވަރާކުރައްވާފައެވެ. އަދި ޓިޕްސަރެވިޗްގެ އެކަޑެމީއެއް ރާއްޖޭގައި ހުޅުވުމަށް ވަރަށް އަވަހަށް އޭނާ ރާއްޖެ އަންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފުޓްބޯޅައާއި ޓެނިސް އަދި ވޮލީގެ އިތުރުން އެހެން ކުޅިވަރުތަކުގައިވެސް ސާބިއާގެ އެހީތެރިކަން ހޯއްދެވުމަށް މިިނިސްޓަރ މަޙުލޫފު އަންނަނީ އެޤައުމުގެ ކުޅިވަރުގެ އިސްވެރިންނާއި މަޝްވަރާކުރަމުންނެވެ.