ވިޔަފާރި

އިޤްތިޞާދީ ހަބެއްގެ ގޮތުގައި ލ.އަތޮޅު ތަރައްޤީކުރަނީ


ލ.އަތޮޅު އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިއާދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިޤްތިޞާދީގޮތުން ބޮޑެތި ބަދަލުތަކެއް ގެނައުންކަމަށެވެ. އެގޮތުން ލ.އަތޮޅު އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އިއާދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ލ.އަތޮޅުގައި ތަރައްޤީކުރަންޖެހޭ މަޝްރޫޢުތައް މިހާރު ފާހަގަކުރަމުންދާކަމަށާއި އެކަމަށްޓަކައި ޚާއްސަ ޕްލޭނެއްވެސް ތައްޔާރުކުރާނެކަމަށް އިއާދު ވިދާޅުވިއެވެ.

ލ. އަތޮޅު އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އައްޑޫ ސިޓީއަށްވެސް އިޤްތިޞާދީގޮތުން އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ބިޔަ މަޝްރޫޢެއް އިޢުލާންކޮށްފައެވެ. އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށްގެންދާ މިޕްރޮޖެކްޓަށް 6.3 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މިމަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. މީގެ އިތުރުން ގުޅިފަޅުގައިވެސް ޒަމާނީ ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ އަމަޒަކީ މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިދައުރުގެ ތެރޭގައި ފެށިގެން ދިއުންކަމަށެވެ.