ވިޔަފާރި

ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އިތުރު 60 މިލިއަން ޑޮލަރު ހޯދަނީ


އެސް.އެމް.އީ ބެންކު މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އިތުރު 60 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަށް ގިނަ އަދަދެއްގެ ބަޔަކު ލޯނު ހޯދުމަށް ހުށަހަޅަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 400 މިލިއަނެއްހާ ރުފިޔާގެ ލޯނު ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ އެސްއެމްއީ ބެންކުން މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 25 ފަރާތަކަށްކަމަށާއި އަދި ދޫކޮށްފައިވާ ލޯނުގެ ޖުމްލަ 30 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެސްއެމްއީ ބެންކަކީ މާބޮޑު ބެންކަކަށްނުވުމުން، ލޯނު ހޯދުމަށް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ލޯނު ދޫކުރުމުގައި މިވަގުތު ދަތިތަކެއް އެބަހުރިކަމަށެވެ. ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އިތުރު 60 މިލިއަން ޑޮލަރު ނުވަތަ 925 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބައޮތް 400 މިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯން އެޕްލިކޭޝަން ލިބިފައި. އަދި އެހާ ބޮޑު ބެންކެއް ނޫން އެއީ. އަޅުގަނޑުމެންނަށް އޭގެ ކޮންމެވެސް މިންވަރެއް މިވަގުތު ދެވޭނީ. އަޅުގަނޑުމެން އުއްމީދުކުރަން އެބަ މިއަހަރު ތެރޭގައި އިތުރު ފަންޑިންއާއެކު އިތުރު 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚަރަދުކުރުމަށް ލިބިގެންދާނެކަމަށް. އޭގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރަމުން" މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޞް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ 70 އިންސައްތައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވުމުން، އެކަމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރުން އިޢުލާންކުރާ މަޝްރޫޢުތަކުގެ ތެރެއިން 2.5 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތަކަށް ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވެލިއު އެޑްކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކަނޑާލުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

" ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖޭގައި ވެލިއު އެޑްކުރަން އެތެރެކުރާ މުދަލުން ޑިއުޓީ ފްރީ ކުރެވޭނެ މާހައުލެއް ޤާއިމްކުރުން. ވެލިއު އެޑިޝަނޭ މިދެންނެވީ، މުދާ ރާއްޖެ އެތެރެކޮށްގެން އޭގެއިން އުފެއްދުންތެރިކަން އިތުރުވާފަދަ ކަންކަން" މިނިސްޓަރ ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމާއި ސަރުކާރުގެ ތެރެއިން ހުރި ފުރުޞަތުތައް އިތުރުކޮށްދިނުމުގެ އިތުރުން، ވިޔަފާރި ހިންގުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައިވެސް އިކޮނޮމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި އަތޮޅުތަކުގައި ހުންނަ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ޓެކްސްގެ މައްސަލަތައް ހައްލުކުރުމަށް ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ބެންކު ހުޅުވީ މިދިޔަ މާޗުމަހުގެ 18 ވަނަ ދުވަހުއެވެ.

އެސްޑީއެފްސީން މިހާރު ލޯނު ދޫކުރަމުން އަންނަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ.

އެސްޑީއެފްސީން އެސްއެމްއީތަކަށް ލޯނު ދޫކުރުމުގައި މައިގަނޑުގޮތެއްގައި ބަލަނީ ހުށަހަޅާ ޕްރޮޖެކްޓަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި މުހިއްމުކަން ދީފައިވާ ދާއިރާއެއްތޯއާއި އަދި ހުށަހަޅާ ޕްރޮޖެކްޓަކީ ކާމިޔާބުކުރެވޭނެ ޕްރޮޖެކްޓެއްތޯއެވެ. މީގެ އިތުރުން ޕްރޮޖެކްޓް ހުށަހަޅާ ފަރާތުގެ ކިބައިގައި އެކަން ކާމިޔާބުކުރުމުގެ ޤާބިލްކަން ހުރި މިންވަރުވެސް ބަލާނެއެވެ. އެކަންކަން ފުރިހަމަވެއްޖެނަމަ ލޯނު ހޯދުމަށް މާބޮޑު ދައްޗެއް ކުރިމަތިނުވާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.