ވިޔަފާރި

ސްރީލަންކަން އެއަރލައިންސްގެ ޓިކެޓް އަގުހެޔޮކުރަނީ


ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއާއި ލަންކާއާ ދެމެދު ކުރާ ދަތުރުތަކުގެ އަގު ވަރަށް އަވަހަށް ކުޑަވެގެންދާނެކަމަށް އުއްމީދުކުރާކަމަށް އޭސް އޭވިއޭޝަނުން ބުނެފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ހެޔޮކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަގުވެސް ހެޔޮވާނެކަމަށެވެ. އަދި ޓިކެޓްގެ އަގަށް އަންނަ ބަދަލުތައް ކުރިއަށް އޮތްދުވަސްތަކުގައި އެނގިގެންދާނެކަމަށް ފިރާޤު ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލްމަހު ލަންކާގައި ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތް ކޮޅަށް ޖެހުމަށް ލަންކާ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް، ލަންކާގެ ޤައުމީ އެއަރލައިންކަމަށްވާ ސްރީލަންކަން އެއަރލައިންސްއަށް ލަފާ ދެއްވާފައެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ލަންކާއަށް ދަތުރުކުރާ އެހެން އެއަރލައިންތަކުގެ ޓިކެޓްގެ އަގުވެސް ހެޔޮވާނެކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓް އަގު ހެޔޮކުރާނީ ފިއުލް ޗާޖާއި ގްރައުންޑް ހޭންޑްލިންގ ޗާޖު ކުޑަކޮށްގެނެވެ. އަދި މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ލަންކާ ބޭއްވުމަށް މިވަގުތަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށްވެސް ލަންކާ ސަރުކާރުން ބުނެއެވެ.

ސްރީލަންކަން އެއަރލައިންސްގެ ޓިކެޓް އަގުހެޔޮކުރުމުގެ އިތުރުން، ބައެއް މަންޒިލްތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޚާއްސަ ކެމްޕެއިންތައް ފެށުމަށްވެސް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އިންޑިއާ، ޖަރުމަން، ފްރާންސް އަދި އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވީއެންމެ އަވަހަކަށް ކެމްޕެއިންތައް ފެށުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެމަސައްކަތަށް 150 މިލިއަން ރުޕީސް ކަނޑައަޅާފައިވާއިރު އެފައިސާއަކީ ޓުއަރ އޮޕަރޭޓަރުންނަށް އެހީތެރިވުމަށް ދޭ ފައިސާއެއްކަމަށް ލަންކާ ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ލޯނު ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފަސޭޚަ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ލަންކާ ސަރުކާރުން ވަނީ ސެންޓްރަލް ބެންކާއި ފިނޭންސް މިނިސްޓްރީއަށް އަންގަވާފައެވެ.

މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ޙަމަލާތަކުގެ ސަބަބުން އެކި ގޮތްގޮތުން ގެއްލުން ލިބުނު ވިޔަފާރިތަކަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުން ހިމެނެއެވެ. އެފަދަ ލޯނު ދޫކުރުމަށް ލަންކާ ސަރުކާރުން ވަނީ ސަތޭކަ މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ކަނޑައަޅާފައެވެ.

ލަންކާ ސަރުކާރުން ކުރިން ލަފާކުރީ ފަތުރުވެރިކަމުގެ ސިނާޢަތަށް 30 އިންސައްތައިގެ ގެއްލުމެއް ނުވަތަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނޭކަމަށެވެ. ނަމަވެސް މިހާރު އެއަދަދު އުޅެނީ ބިލިއަނެއްހާ ޑޮލަރަށްވުރެވެސް ދަށުގައިކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.