ތިމާވެށި

މާލޭ ސަރަހައްދުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދަނީ


މާލޭ ސިޓީ ސަރަހައްދަށް
ދިމާވެފައިވާ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް
ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤު އިބްރާހިމް
ވިދާޅުވެއްޖެއެވެ.



ރައްކާތެރިގޮތުގައި
ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ވާހަކަފުޅު
ދައްކަވަމުން މިނިސްޓަރ ތާރިޤު ވިދާޅުވީ، މާލޭ ސިޓީ ހިމެނޭ ސަރަހައްދަކީ އާބާދީގެ
ގޮތުންވެސް އެންމެ ގިނަ މީހުން ދިރިއުޅެމުންދާ ސަރަހައްދުކަމަށްވެފައި، ތިމާވެށީގެ
ގޮތުން ބެލިކަމުގައިވިޔަސް ކުނީގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ސަރަހައްދަކީ
މާލޭ ސިޓީކަމަށެވެ. އެގޮތުން ތިލަފުށީގައި ކުނި ނައްތާލަމުންދަނީ "އޯޕަން
ބާރނިންގ" ނުވަތަ ކުނި އަންދައިގެންކަމުން، މިއީ ތިމާވެއްޓާއި އެހާ ރައްޓެހި
އަދި ސިއްޚީގޮތުން ބެލިކަމުގައިވިޔަސް އެންމެ ރައްކާތެރި ގޮތް ނޫންކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ތާރިޤު ވިދާޅުވީ،
ޒާމާނީ ވަސީލަތްތަކުގެ އެހީގައި ތިމާވެއްޓާއި ރައްޓެހިގޮތުގައި ކުނި ނައްތާލާ
ނިޒާމް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވަރަށް ކާމިޔާބުކަމާއިއެކު ބޭނުން
ކުރަމުންދާކަމަށާއި، އެފަދަ ނިޒާމެއް ތިލަފުށީގައިވެސް ޤާއިމުކުރުމުގެ މަސައްކަތް
ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އެކަމަށް ބޭނުންވާ ދިރާސާތަކާއި،
ފައިނެންޝިއަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށާއި،
ނަމަވެސް އަމަލީގޮތުން އަދި މަސައްކަތްތަކެއް ނުކުރެވިގެން އުޅެނީ، މާލޭ
ސަރަހައްދުގެ ކުނި ނައްތާލުމުގެ ކަންކަން ހަވާލުކޮށްފައިވާ އިންޑިއާގެ ޓަޓުވާ
ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން އުވާލާ، އެ މަސައްކަތް އެހެން
ކުންފުންޏަކާއި ހަވާލުކުރުމުގައި އަދި ވަކި ގޮތެއް ނިންމިފައި ނުވާތީކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. 


ކުނީގެ މައްސަލަ ހައްލުކުރުމަށް ސަތާރަ ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ
ހަރަދުކޮށްގެން ޖުމްލަ ފަންސަވީސް މަޝްރޫޢެއް މާލެއާއި އަތޮޅުތެރޭގައި ހިންގުމަށް
ހަމަޖެހިފައިވާއިރު، މީގެ ތެރެއިން ނުވަ ރަށެއްގައި މިހާރުވެސް ވޭސްޓް
މެނޭޖްމަންޓް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް
އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރައްކާތެރިގޮތުގައި
ކުނި ނައްތާލުމާއިމެދު އާންމުން ހޭލުން ތެރިކުރުމަށް "ސާފު ރާއްޖެ" މި
ނަމުގައި ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ. ތިމާވެއްޓާއިމެދު
ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ބާއްވާ "ތްރީ އާރ" ފޯރަމްގެ
ތެރެއިންވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް
ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.