ޑެންގީ ހުން ޖެހިގެން، މިއަހަރުގެ މިހަތަނަށް ރިޕޯޓުކޮށްފައިވާ މިންވަރު ފާއިތުވި ތިން އަހަރަށްވުރެ އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަރޫޝާ ވިދާޅުވީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީގެ ކޭސްތައް މިއަހަރުގެ މިހާތަނަށް އައި އިރު ތިންހާހަށްވުރެ އިތުރުވެފައިވާކަމަށެވެ. މިއީ މުޅި މިދިޔަ އަހަރު ރިޕޯޓުކުރި މިންވަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރު ކުރިއަށް އޮތް 6 މަސްދުވަހުވެސް ޑެންގީގެ ކޭސްތައް އިތުރުވާނެކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.
އަރޫޝާ ވިދާޅުވީ މިހާތަނަށް މިއަހަރު ޗިކުންގުންޔާ ޖެހިގެން 1000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މިއީ 2006ވަނަ އަހަރުގެ ޗިކަންގުންޔާ އައުޓް ބްރޭކަށްފަހު ޗިކަންގުންޔާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ އަހަރުކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންނަމަވެސް މިހާރު ޢާއްމުވަމުން އަންނަ އިންފްލުއެންޒާގެ ކޭސްތައް ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރިކޯޑުކުރެވިފައިވާ މިންވަރު މަދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ އިތުރުވެފައިވާ ޗިކުންގުންޔާއާއި ޑެންގީގެ ޙާލަތު އަދި އިންފްލުއެންޒާ ރިޕޯޓުކުރާ މިންވަރު މަދުނަމަވެސް ވަރަށް ގާތުން މޮނީޓަރ ކުރައްވަމުންގެންދަވާކަމަށެވެ.
"މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ މޭއި މަހުގެ ނިޔަލަށް ޑެންގޫ ޖެހިގެން ރިޕޯޓުކުރާ ޢަދަދު ފާއިތުވި 3 އަހަރު ރިޕޯޓުކުރި ޢަދަދަށްވުރެވެސް ވަނީ ގިނަވެފައި މިވަނީ. އެހެންނަމަވެސް މަދިރިން ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ކަމަ ބެހޭ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން ވަރަށް ބޮޑަށް މިވަނީ ބަލިޖެހިގެން ރިޕޯޓުކުރާ މިންވަރު ދަށަށް ގޮސްފައި." އަރޫޝާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ހާމަކުރައްވާގޮތުގައި ޑެންގީއާއި ޗިކުންގުންޔާއާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވެފައިވަނީ މާލޭގައިކަމަށާ އަތޮޅުތަކުގައި އިންފުލުއެންޒާ އިތުރުވަމުންދާކަމަށް ތަފާސްހިސާބުތަކުން އަދި ނުދައްކާކަމަށެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ގޮތުން ސިއްޙީ ޚިދުމަތްދޭތަންތަން ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މާލޭގެ އައިޖީއެމްއެޗާއި އޭޑިކޭއާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ވަނީ ފްލޫ ކްލިނިކް ޤާއިމްކޮށްފައެވެ. ފްލޫ ކްލިނިކްގެ ސަބަބުން އިންފްލުއެންޒާ ވައިރަސްގެ ޢަލާމާތްތައް ފެންނަ މީހުންނާއި އެހެންކަންކަމު ހޮސްޕިޓަލަށް ދާމީހުން ވަކިކުރުމަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ޢާއްމުވްމުންދާ ގިނަ ބަލިތަކަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައްކަމުން މަދިރިން ރައްކާތެރިވުމަށް މަސައްކަތްކުރުމަކީ މިބަލިތަކުން ދުރުވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ. އެގޮތުން މަދިރި އަލާވާފަދަ ތަންތަން ނައްތާލުމާއި ބޭރަށް ނުކުންނަ އިރު ހުރިހާ ގަޑިއެއްގައިވެސް އަތްދިގު ހެދުން ލުމަށް އިސްކަންދިނުމާއި މަދިރިން ރައްކާތެރިވުމަށް މަދިރި ބޭސްފަދަ ތަކެތި ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި އިންފްލުއެންޒާ އިތުރުވަމުންދާތީ ޢާއްމުކޮށް މީހުން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ރާއްޖޭގައި ޢާއްމުކޮށް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ޢާއްމުވަމުން އަންނަނީ ވިއްސާރަ ދުވަސްވަރާ ދިމާކޮށެވެ. އެހެންނަމަވެސް ޢާއްމުކޮށް ވާރޭވެހޭ ދުވަސްވަރަށް މިއަހަރު ބަދަލުއައުމާއި ވިއްސާރަވާ ދުވަސްވަރު ތަފާތުވުމުގެ ސަބަބުން ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.