ސަރބިޔާގެ ކޭމްޕަކީ ޒުވާން ކުޅުންތެރިން ކުރިއެރުމަށް ލިބުނު ރަނުގެ ފުރުސަތެއްކަމަށާއި، އޮލިމްޕިކްސްގައި ގޯލް މެޑަލް ހޯދާފައިވާ ކޯޗެއްގެ އިރުޝާދާއިއެކު ތަމްރީން ހެދުމަކީ ބޮޑު ފަޚުރެއްކަމަށް ޤައުމީ ވޮލީ ޓީމްގެ އަޙުމަދު އަނިލް ބުނެފިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ސަރބިޔާގައި ކޭމްޕް ކުރަމުންދާ ޤައުމީ ވޮލީ ޓީމްގައި އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިއަކީ އަޙުމަދު އަބްދުލް ކަރީން (ލޯންގޭ)އެވެ. ލޯންގޭއަށް ފަހު އެންމެ ތަޖްރިބާކާރު ކުޅުންތެރިއަކީ އަޙުމަދު އަނިލް އެވެ.
ސާބިޔާގައި ޤައުމީ ވޮލީ ޓީމް މިކުރާ ކޭމްޕާއި ބެހޭގޮތުން ވާހަކަދައްކަމުން އަނިލް ބުނީ އާންމުކޮށް ޤައުމީ ވޮލީ ޓީމް ކޭމްޕް ކުރަނީ އޭޝިޔާގެ ޤައުމްތަކުގައިކަމަށާއި ނަމަވެސް ޔޫރަފްގައި ފުރަތަމަ ފަހަރަށް މިކުރެވުނު ކޭންޕްގައިވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވަމުން އަންނަކަމަށެވެ. އަދި މިވީ 3 ދުވަހުގެ ތެރޭގައިވެސް އޭޝިޔާގެ ވޮލީއާއި ޔޫރަޕްގެ ވޮލީގެ ތަފާތު ވަރަށް ބޮޑަށް ފެންނަކަމަށް އަނިލް ބުންޏެވެ.
އަނިލް ބުނީ ސާބިޔާގެ ކުޅުންތެރިންގެ ފަރިތަކުރުންތައްވެސް ތަފާތުކަމަށާއި މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ތަފާތު މާހައުލެއްކަމަށެވެ. އަދި މިއީ ކޮންމެ ކުޅުންތެރިއަކުވެސް ކުރިއެރުން ހޯދަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި ތަމްރީން ދަތުރުގައި ރާއްޖޭގެ ވޮލީ ޓީމަށް އެހީވަނީ 2011ވަނަ އަހަރުގެ އޮލިމްޕިކްސްގައި ސަރބިޔާއަށް ރަން މެޑަލް ހޯދައިދިން ކޯޗް އަދި މިހާރު ސަރބިޔާގެ ޑިރެކްޓަރ އޮފް ނެޝަނަލް ޓީމްސް ޑރ. ބޯޑްގަން ސްޓެނޮވިޗް އެވެ. އަނިލް ބުނީ މިއީ މިފެންވަރުގެ ކޯޗެއްގެ ކައިރިން ތަމްރީންވާ ފުރަތަމަ ފަހަރުކަމަށާއި ކިތަންމެ ކުޑަ ދުވަސްކޮޅެއް ލިބުނަސް ކުޅުންތެރިން ތިބީ ގިނަ ކަންކަން ދަސްކުރަން ތައްޔާރަށްކަމަށެވެ.
"އޭޝިޔާ އާއި އަޅާބަލާއިރު ކުޅިވަރުގެ އަހުލާގުވެސް މިމީހުން ވަރަށް ތަފާތު، ޓެކްނިކަލް އަދި ޓެކްޓިކަލީ ގޮތުންވެސް ސާބިޔާގެ ވޮލީ ވަރަށް ތަފާތު. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުދިކުދި ކަންތަށްތަކުންވެސް ގޭމްއަށް ވަރަށް ބޮޑު ބަދަލްތަކެއް ގެނެވޭ ކިތަންމެ ކަމެއް މި 3 ދުވަހުގެ ތެރޭގައިވެސް ދަސްވެއްޖެ. ގޯލްޑް މެޑަލް ކޯޗް ކިޔައިދޭ ކަންތަށްތަށް ވަރަށް ފަސޭހަ ނަގައިގަންނަންވެސް. މީގެ މުހިންމީ ގިނަ ދުވަސްވުމެއް ނޫން، މިލިބޭ މަދު ދުވަސްކޮޅުގައި ސާބިޔާގެ މޯޗް މިކިޔައިދޭ އެއްޗެހި ރަގަނޅަށް ނަގައި ގަނެވިއްޖެއްޔާ، މިކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ." އަނިލް ބުންޏެވެ.