ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެހީ ހޯދަން އެމީހުންގެ ޢާއިލާތަކުން ސަލާންޖެހުން، ހުއްޓުވަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރިވެލި އެވޯޑު ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ރާއްޖެއަށް ރީތި ނަން ހޯދަދީފައިވާ މީހުންނާއި އެފަދަ މީހުންގެ ޙައްގުތައް ޙިމާޔަތްކޮށް، ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ސަރުކާރުންދޭ "ރިވެލި އެވޯޑު" ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޢާއިލާތަކުން ޖަހަމުންދާ ސަލާން ޖެހުން ހުއްޓުވަން ޖެހޭކަމަށެވެ.
އެފަދަ މީހުންގެ ޢާއިލާތަކަށާއި އެމީހުންނަށް ބޭނުންވާ އެކިއެކި ކަންކަން ކުރުމުގައި އެކި ބާވަތުގެ އެހީތެރިކަން ބެނުންވާއިރު އެއީ ސަލާންޖަހައިގެން އާދޭސްކޮށްގެން ހޯދަންޖެހޭ ޚިދުމަތެއްކަމަށް ވެފައި އޮންނަ އޮތުން ހުއްޓުވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2020ގެ ތަސައްވުރާ ރާއްޖެއިން ކުރިމަތިލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކޮށް އެންމެނަށްވެސް ވާސިލްވެވޭފަދަ ޚިދުމަތްތަކެއް ފޯރުކޮށް ނުދެވޭނަމަ އެއީ ލަދުވެތިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ޙައްލުކުރުމަށް ސަރުކާރުގެ އެކި މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދީ އެމީހުންނަކީވެސް މުޖުތަމަޢުގައި ބޭނުންހިފޭ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން އިތުރުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢިމާރާތްކުރުމުގައި މިފަދަ ފަރާތްތަކަށްވެސް އިސްކަންދީގެން ޢިމާރާތުގެ ޑީޒައިންތައް ހެދުމަށް މިނިސްޓަރ ވަނީ ބާރު އަޅުއްވާފައެވެ. ޝިދާތާ ވިދާޅުވީ އެފަދަ ފަރާތްތަކުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ މިންވަރު ކުޑަކޮށް އަމިއްލައަށް ކަންކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.
ޖެންޑަރ މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްގުތައް ޙިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެމުން އަންނަ ރިވެލި އެވޯޑު މިއަހަރުވަނީ 12 ފަރާތަކަށް ދީފައެވެ. އޭގެ ތެރޭގައި ނުކުޅޭދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ މީހުންނާއި މިދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތް ކުރަމުން އަންނަ ފަރާތްތަކުގެ އަގުވަޒަން ކުރުމަށްވެސް ވަނީ އެވޯޑުދީފައެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި އެވޯޑު ޙަފްލާގައި މިފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިޙަފްލާގައި ރައިސާއެކު އެމަނިކުފަނުގެ ނައިބު ފައިސަލް ނަސީމުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެވޯޑު ޙަފްލާއަށް ފަހު ރައިސްއާއި ނައިބު ރައިސްވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތްތައް ދައްކާލުމުގެ މައުރަޒް ބައްލަވާލައްވާފައެވެ.