ޕެރޫ ބަލިކޮށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި ނުވަ ވަނަ ފަހަރަށް ބްރެޒިލުން އުފުލައިލައިފިއެވެ.
ދެކެނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ ބޮޑު މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލުން ހޯދީ މަރަކާނާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗްގައި ޕެރޫ 1-3 އިން ބަލިކޮށްގެންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ލަނޑު ޖަހައި ބްރެޒިލް އަށް ލީޑް ނަގައިދިނީ ފޯވާޑް އެވަޓަންއެވެ. އެކަމަކު މެޗްގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޕެރޫ އިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ޕެރޫއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެޓީމްގެ ފޯވާޑް ޕައުލޯ ގަރޭރޯއެވެ.
ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖެސުސް ލަނޑެއް ޖަހައި އަނެއްކާވެސް ބްރެޒިލް އަށް ލީޑް ނަގައިދީފައެވެ. ބްރެޒިލްގެ ތިން ވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ.
ގަބްރިއެލް ޖެސުސް އަށް މެޗްގެ 70 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން މެޗްގެ ފަހު 20 މިނެޓް ބްރެޒިލުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މިއީ 2007 ވަނަ އަހަރު އޮތް ކޮޕާ އެމެރިކާ ފައިނަލްގައި 0-3 އިން އާޖެންޓީނާ ބަލިކޮށް މުބާރާތުގެ ތަށި ބްރެޒިލުން ހޯދި ފަހުން އެޓީމަށް މި މުބާރާތް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.