ރައީސް ޔާމީންގެ ސަރުކާރުން ރިސޯޓް ތަރައްޤީކުރުމަށް އެއް ރަށް، ތަފާތު 3 ފަރާތަކަށް ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓްރީގެ ތެރޭގައި އުސޫލެއް، ހަމައެއް ނެތި އެތައް ކަމެއް ހިންގާފައިވާކަމަށެވެ. އެގޮތުން ރަށްތައް ދޫކުރުމާއި ފަތުރުވެރިކަމާ ގުޅޭ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ޓުއަރިޒަމް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ.
އެމައްސަލަތަކުގެ ތެރެއިން އދ. ފުށިދިއްގާރަށްދިއްގާ މައްސަލައަކީ ފާހަގަކޮށްލެވޭ މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ތަފާތު 3 ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާކަމަށެވެ.
"މިނިސްޓްރީ ތެރޭގައި ހުރި ކޭސްތަކުގެ ތެރެއިން އެއް ކޭސް. އދ. ފުށިދިއްގާރަށްދިއްގާ 3 މީހުންނަށް ދީފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުގައި. އޭރުވެސް ޤާނޫނުއަސާސީއާ ޤާނޫނާއި ޤަވާއިދުތައް އޮތް، އަޅުގަނޑު ހިތަށް އަރާ ބިރެއް ނުގަނޭބާއޭ މިކަހަލަ ކަންތައްތައް ކުރާއިރު. މިކިޔަނީ އެންމެ އެސެޓެއްގެ ވާހަކަ 3 ފަރާތަކަށް ދީފައި. އަދި ލާރިވެސް ނަގާފައި އޮތީ. އެއް ބައެއްގެ އަތުން ހަ ލައްކަ ޑޮލަރު، އަނެއް ބައެއް އަތުން 1.3 މިލިއަން ޑޮލަރު" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަޙީދު ވިދާޅުވީ މިފަދަ ހުރިހާ މައްސަލައެއް ބެލުމަށްފަހު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާނޭކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ސަބަބުން އެއްވެސް ވިޔަފާރިވެރިޔަކަށް ގެއްލުމެއްވާކަމަށް ސަރުކާރުން ނޭދޭކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ހުރިހާ ފަރާތެއްގެ ހައްޤުތައްވެސް ސަރުކާރުން ރައްކާތެރިކޮށްދޭނެކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.