މުނިފޫހިފިލުވުން

ވާހަކަ: ދެވަނަ ހިޔަނި


ޖުލައި 07 އާދިއްތަ ދުވަހާއި ގުޅޭ

އާ ދުވަހަކަށް އިރުއެރީ ތަފާތު މެސެޖްތައް ދުނިޔެއަށް ގެނެސްދެމުންނެވެ. އާދީއްތަ ދުވަހަކީ ކޮލެޖް ބަންދު ދުވަހެއް ކަމުން މާ ގިނަކުދިންނެއް ހޮސްޓެލް ގެ ގޯތި ތެރެއަކުން ނުފެނެއެވެ. ތަނަށް ވެރިވެފަ ވަނީ ހިމޭންކަމާއި ފަޅުކަމެވެ. ދޭތެރެއަކުން ގަހެއްގެ ފަތެއް ހެލިލނަމަވެސް ވައިރޯޅިއެއްގެ ހިލަމެއްވެސް ނެތްކަހަލައެވެ.

ހޮސްޓެލްގެ ފަތާ ފެންގަޑު ގެ ހަރުފަތްމަތީގައި ޝިފާނާ އިން އިރު މޫނުމަތިން ވަރަށް ރަގަޅަށް އޭނަގެ ޙާލު ބަޔާން ކޮށްދެއެވެ. ވިސްނާވިސްނާ ސިކުނޑީ ގެ ނާރުތައް ހީވަނީ ގޮށްޖެހިފަވާ ހެންނެވެ. އެއީ ކޮންގޮތަކަށް ބަޠޫލް އަށް ލިބޭ ފިނިފެންމާތަކެއް ކަމެއް ނޭގުނެވެ. ޔަގީނެވެ. އޭގަ ކޮންމެވެސް ކަހަލަ ސިއްރު ތަކެއްވާނެއެވެ. ބަޠޫލް އެވާހަކަތައް ސިއްރުކުރުމު ގެ ބޭނުމަކީ ކޮބައިބާވައެވެ. ޝިފާނާ ގެ ހިތަށް ބިރުވެރި ޚިޔާލްތައް ވަންނަނީ ކީއްވެގެން ހެއްޔެވެ. ޝިފާނާ ފުން ނޭވާއެއްލުމަށް ފަހު ވިސްނާލިއެވެ. ހުރިހާ ސިއްރެއް ޙިއްޞާ ކުރާ އެންމެ ގާތް އެކުވެރި ބަޠޫލް އާއި ދޭތެރޭ އެހެން ގޮތަކަށް ވިސްނާކަށް ޝިފާނާ ބޭނުމެއްވެސް ނޫނެވެ.

ބަޠޫލަށް އޭނަ އިތުބާރުކުރެއެވެ. ނަމަވެސް..... މިފަހަރު ......ބަޠޫލް ހާދަބޮޑަކަށް ބަދަލުވެއްޖެއެވެ. ހިޔާލުތަކަށް ގެއްލި ހުސްވެފައި އިން ޝިފާނާ ސިއްސުވާލީ މީހަކު އޭނަގެ ކޮނޑުމަތީ ގައި އަތްއެޅުމުންނެވެ. ޝިފާނާއަށް ވަރަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ..... ކައިލް... ޝިފާނާގެ ކުރިމަތީގައި ހެވިފަ ހުރިގޮތުން ހިސާބަކަށް ހަމަޖެހިލެވުނެވެ.. ޝިފާނާ.... އަހަންނާ ދޭތެރޭގަ ތިވަރަށް ނުވިސްނާ.... އަހަންނަކީ ތިހާ ގޯސްމީހެއްނޫން.... އަހަރެން ބަޠޫލް އަކަށް ދެރައެއްނުދޭނަން. ވަރަށް ލޯބިވޭ ބަޠޫލް ދެކެ....

އަހަންނަށް އެގޭ ހެނދުނު ކުޑަދޮރުކައިރީގައި އަހަރެން ހުއްޓާ ޝިފާނާ އަށް ފެނުނުކަން.... ބިރުން ދޯ ތިހިރީ..... ކީއްވެތަ އަހަރެން ދެކެ ބިރުގަންނަނީ..... ޝިފާނާ ގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ. ހަމައެއާއި އެކު މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ވާހަކަ ދައްކަން އަގަހުޅުވައެއް ނުލެވުނެވެ. ކަރުތެރެ ހުރީ ހިކިފައެވެ. ކައިލްގެ ލޭ ކޮޅެއް ކަހަލަ ރަތް ތުންފަތާ ހުދު ދަތް ތަކަށް ބިރުވެރި ނަޒަރަކުން ބަލާލެވުނެވެ. ހަމައެއާއެކު ކައިލްގެ ދިގުވަމުން ދާ ދެ ފޭރާ ދަތް ފެނުމުން ނޫނެކޭ ކިޔާފަ ހަޅޭ ލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ހަމައެއާއެކު ދުންފިނީ ގެ ފަރުދާ އެއް އޭނަ ވަށާލި އެވެ. ނޭވާހާސް ވެ ގެންގޮސް ތެޅެމުން ދިޔައެވެ.

ޝިފާނާ އެނދުގެ ބެޑްޝީޓް ބޮނޑި ބޮޑި ކޮށްލައިގެން އޮވެ ހަޅޭއްލަވަމުން ދިޔަ މަންޒަރު ބަލަން ބަޠޫލް އޮތެވެ. އޭނަޔަށް ހޭލެވުނީ ޝިފާނާ ގެ ހަޅޭކުގެ އަޑަށެވެ. ޝިފާނާ ގެ ނޭވާ ވެސްހީވަނީ އުތުރިއަރާފާނެ ހެންނެވެ. ނޭވާހާސް ވެގެން އުޅޭކަހަލަ ގޮތަކަށް ވަރަށް އުދަގުލުން ވަރުބަލި ނޭވާތަކެއް ޝިފާނާ ލަމުން ދިޔައެވެ. ބަޠޫލް ޝިފާނާއަށް ގޮވަންފެށިއެވެ. އަދި ޝިފާނާ ހޭލެއްވުމުގެ މަސައްކަތް ކުރަންފެށިއެވެ.

ބަޠޫލް އެންމެފަހުން ބާރަށް ދެއަތުން ޝިފާނާގެ ގައިގައި ތަޅައިގަތެވެ. އަދި ކަރުނަވީ އަޑަކުން އެހީއަކަށް އެދި ހަޅޭއްލަވަން ފެށިއެވެ. ހަމައެއާއި އެކު ޝިފާނާއަށް ހޭލެވި ހަމަހޭވެރިކަން ލިބުނެވެ. ޝިފާނާގެ ރަތްދެލޮލާއި ދާހިއްލާ ފޯވެފައިވާ މޫނުފެނުމުން ބަޠޫލްއަކަށް ކެތެއް ނުކުރެވުނެވެ. ރޮމުން ރޮމުން ޝިފާނާގެ ގައިގައި އޮޅުލައިގަތެވެ. މިގޮތަށް ތިބެ ދެ އެކުވެރިން ރޮމުން ދިޔައެވެ.

ބަޠޫލް ޝިފާނާއާއި ސުވާލުކުރިއެވެ. ޝިފާނާ އާރ ޔޫ އޯލް ރައިޓް؟ ކިހިނެތް ވީތަ؟ ނަމަވެސް ޝިފާނާގެ ދޫބަންދުވެފައިވާ ކަހަލައެވެ. ސިކުނޑިވެސް ރަގަޅަށް މަސައްކަތް ނުކުރާ ކަހަލަ ގޮތަކަށް ބަޠޫލް އަށް ބަލަހައްޓައިގެން ޝިފާނާ އިނެވެ. ހިލައިގެ ބުދެއްހެން ގަނޑުވެފައި ކަހަލަގޮތަކަށެވެ. އެ ދެލޮލުން ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. މާޙައުލު އެހާ ފިނިގަދަ އިރުގަވެސް ޝިފާނާ ގެ މޫނު ވަނީ ދާހިއްލާފޯވެފައެވެ.

ޝިފާނާ ގެ ދެލޮލުން ފެންނަމުން ދިޔަ ބިރުވަރިކަމުގެ އަސަރުތައް ބަޠޫލް ގެ ހިތަށް ތަދުކޮށްލައިފިއެވެ. ބަޠޫލް ގެ ހިތް ހަމްދަރުދީން ފުރުނެވެ. މަޑުމަޑުން ޝިފާނާ ގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ކޮންމެވެސް ވަރަކަށް ޝިފާނާ ހަމަޖެހުމުން ފެންތައްޓެއް ގެނެސްދިނެވެ. ފެންތަށި ބޯލުމަށް ފަހު ކުރަކި އަޑަކުން ޝިފާނާ ވާހަކަ ދައްކަން ފެށިއެވެ. ޝިފާނާ ގެ އަޑުހީވަނީ މާދުރުން އަންނަ އަޑެއް ހެންނެވެ. ވާހަކަދައްކަމުން ދިޔައިރުވެސް ސިއްސަ ސިއްސައިގެން ދާކަހަލަ ގޮތްތަކެއް ވަމުންދިޔައެވެ. އެއީ ކޮންފަދަ ބިރުވެރި ހުވަފެނެއް ހެއްޔެވެ. އޭނަ މަސައްކަތް ކުރީ އަހަރެން މަރާލުމަށެވެ. ހާދަ ބިރުވެރި ސިފައެކެވެ. ޝިފާނާއަކަށް ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ. ބަޠޫލް އެންމެ ފަހުން ޝިފާނާ ގެ ދެކޮޑުގައި ހިފާ ތަޅުވައިގަތުމުން އަނެއްކާވެސް ގިސްލަން ފެށިއެވެ. ބަޠޫލް އެވެ. އެއީ ކޮންފަދަ ބިރުވެރި ކަމެއްހެއްޔެވެ.

ދެން އެވާހަކަ ނުދައްކާ ތައްޔާރުވަމާ ހިގާށެވެ. ހުވަފެނަކީ ބިލާހެކޭ ބުނާއަޑު އަހަމެއްނޫން ހެއްޔެވެ. ތިވަރަށް ބިރުގަންނާކަށް ނުވާނެއެވެ. ބަޠޫލް ޝިފާނާއަށް ވިސްނާދެމުން ދިޔައެވެ. އަދި މިރޭ އޮންނަ ޕާރޓީގެ މަތިން ހަދާންކޮށްދިނެވެ. ޑެކަރޭޓް ކުރުމުގެ ހުރިހާކަމެއް އޮތީ އަހަރެމެންނަކަށް ނޫން ހެއްޔެވެ. މިހާރު މެންދުރު ކާގަޑިވެސް ޖެހެނީއެވެ. ހެދުނު ސައިވެސް ކެޓީއެވެ. ވަރަށް ބަޑުހައިވެއްޖެއެވެ. ބަޠޫލް މިގޮތަށް ވާހަކަދައްކަން ފެށުމުން ޝިފާނާވެސް މަޑުމަޑުން އެވާހަކަ ތަކުގަ ބައިވެރިވާން ފެށިއެވެ. އަދި އޭނަޔަށް ވެސް ބަޑުހައިކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. އަވަހަށް ހިގާށެވެ. މިއަދު ހެނދުނު ގެ ސަޔާ މެންދުރު ގެ ކެއެމާއި އެއްކޮށްލަން ވާނެއެވެ.

އޯ ........މިރޭގެ ޕާޓީ ދޯ................ ބަޠޫލް...... އަށް ވަރަށް މުހިއްމު ވާނެދޯ...........އަހަރެން ހަދާން ނެތުނީ އޭ...........ވާހ...ވާހ............ ހުރިހާކަމެއް ހަދާން ނައްތާލާފައިު ޝިފާނާ ބަޠޫލް އާ ދިމާކުރަމުން ގެންދިޔައެވެ.. އަދި ބާލީހުގައި ބައްދައިގެން އޮވެ ހެމުންދިޔައެވެ. ބަޠޫލް ވެސް ޝިފާނާގެ ހުނުމުގައި ބައިވެރިވަމުން ދިޔައެވެ. ޝިފާނާ އޭނަގެ ހުވަފެނުގެ މަތިންވެސް ހަދާންނައްތާލާފައި އެކުވެރިޔާ ގެ އުފަލުގައި ބައިވެރި ވަމުން ދިޔައެވެ.

ކުލަ ކުލައި ގެ ބޮކިތަކުން މުޅި ކޮލެޖް ދިއްލެމުން ދިޔައީ ދެކަމެއް ގެ އުފަލުގައެވެ. އެއީ ތަޢުލީމީ އަހަރެއްގެ ނިމުން ފާހަގަ ކުރުމަށާއި ކައިލްއަށްޓަކައި ކޮލެޖް ގެ ދަރިވަރުން ބާއްވާ ޕާޓީ ގެ އުފަލެވެ. ޕާޓީ އަށް ދެ ޖިންސުގެ ކުދިން އަންނަމުން ދިޔައިރު އެކަމުގެ އުފާވެރިކަން އެކުދިން ގެ މޫނުމަތިން ވިދާ ބަބުޅައެވެ. ތަފާތު ޑިޒައިންތަކު ގެ ހެދުމާއި އެކިވައްތަރު ގެ ސެންޓުން މުޅިފަޒާ ވަނީ ހުވަނދު ލެވިފައެވެ. ހިތްގައިމު މިޔުޒިކީ ރާގުތަކާއި ދަރިވަރުން ގެ ހުނުމާއި އެކުދިންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަން ފަޒާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ބަޠޫލް އާއި ޝިފާނާވެސް މި އުފަލުގައި ބައިވެރިވަމުންދެއެވެ.

ޕާޓީގެ އައިޓަމަކަށް ފަހު އައިޓަމެއް ފުރިހަމަވަމުން ދެއެވެ. ދެންއޮތީ ކައިލްއަށް ބަޠޫލް ގެ ފަރާތުން ޝުކުރު އަދާކުރުމެވެ. އެކަން އިޢުލާން ކުރުމާއި އެކު ބަޠޫލް ފިނިވެގެން ދިޔައެވެ. ވިންދު އަވަސް ވާންފެށިއެވެ. ނަމަވެސް ތަކްރާރުކޮށް އެކަމަށް އެދެން ފެށުމުން ބަޠޫލް ސްޓޭޖަށް އެރިއެވެ. މައިކް ކައިރީގައި ހުއްޓުމަށް ފަހު ހޯލްތެރެއަށް ނަޒަރު ހިންގާލިއެވެ. ކައިލް އަށް ބަލާލުމާއެކު އެފުން ދެލޮލުގެ މަސްތުގަ ޖެހި ޣަރަގުވާން ފެށިއެވެ. ހިއްޞުތަކަށް ލޯބީގެ ޖަޒްބާތުގެ އަސަރު ވެރިވާން ފެށިއެވެ. ނަމަވެސް ބަޠޫލް އޭނަގެ މިޖަޒްބާތުތައް ކޮންޓްރޯލް ކުރުމަށް ފަހު ބަޠޫލް ވާހަކަ ދައްކަން ފެށިއެވެ. ވަރަށް ފުރިހަމަ ޝުކުރެއް ހިތުގެ އެންމެ އަޑިން އަދާ ކުރުމަށް ފަހު ސްޓޭޖުން ފޭބިއެވެ. އަދި ކައިލް ހޯދަން ފެށިއެވެ. ނަމަވެސް އެއްވެސް ތާކުން ކައިލްއެއް ނުފެނުނެވެ. ވޮޝްރޫމަށް ދިޔުމުގެ ބަހަނާގައި ބަޠޫލް އެތަނުން ނުކުތެވެ. އަދި ނުތަނަވަސް ވެފައިވާ ހިތަކާއެކު ކައިލް ފެނޭތޯ ހޯދަން ފެށިއެވެ.

އަވަސް ފިޔަވަޅުތަކަކާ އެކު ސިޑިން ފޭބުމަށްފަހު ކޮލެޖްގެ ގޯތި ތެރެއަށް ނުކުމެ ބަލާލިއެވެ. އެވަގުތު ހުދުފިނިފެންމަލުގެ ވަހާ އެކު ފިނިފިނި ވައި ރޯޅިއެއް މޫނުގަ ބީހިލިއެވެ. ކައިލް ހުރިކަމުގެ އިހްސާސް ކުރެވުނު ނަމަވެސް ކައިލް ފެންނާކަށް ނެތެވެ. ބަޠޫލް ކުރިއަށް ހިގައިގަތެވެ. ހިގަމުން ހިގަމުން ގޮސް ކޮލެޖްގެ ގޯތިތެރޭގައި ހައްދާފަވާ މާ ގަސްތަކުގެ ތެރޭގައި ހުރި ފިނިފެންމާ ގަސްތައް ކައިރިއަށް ހުއްޓުނެވެ.

ގަސްތަކުގެ ތެރެ ވަށައިގެން ބަލަމުންދަނިކޮށް އެތަނުގައި ހުއްޓިގެން ހުރި ކައިލް ފެނުނެވެ. އެހިސާބަށް އަދިރިކަން ވެރިވެފަވާތީ ކައިލް ފެންނަނީ ބޮޑު ކަޅު ހިޔަންޏެއް ގޮތަކަށެވެ. ބަޠޫލް ގެ މެޔަށް ފިނިވެލިއެވެ. ހިތު ގެ ތެޅުން އަވަސް ވިއެވެ. ޖިންސްގެ ދެޖީބަށް އަތް ޖަހާލައިގެން ހުރިއިރު ކައިލް ވަރަށް ސްމާޓެވެ. ވަރަށް ފިރިހެންވަންތައެވެ. ކައިރިވަމުން ދިޔަވަރަކަށް ބަޠޫލްގެ ހިތުގެ ތެޅުން އަވަސްވަމުން ދެއެވެ. ކައިލްގެ ފުރަގަހަށް ހުއްޓި ބަޠޫލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ތެޅިތެޅި އޮތް ހިތާދިމާލުން މޭގަ ހިފަހައްޓާލިއެވެ. އަދި ދެލޯ މަރާލިއެވެ. ނޭގޭ އިޙްސާސަކުން މުޅި ހަށިގަޑު އަދަން ފެށިއެވެ. ޖަޒުބާތުގެ އޮއިވަރުގައި ޖެހި ބަޠޫލް ބެހެމުން ދަނިކޮށް ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނީ މޫނަށް އެޅިގެންދިޔަ ހޫނު ނޭވާ ތަކުންނެވެ. ބަލާލިއިރު ކައިލް ހުރީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ވަރަށް ކައިރީގައެވެ. ބަޠޫލް........... އަސަރާއިއެކު ކައިލް ގޮވާލިއެވެ. ތިހޯދަނީ އަހަރެން ދޯ އެވެ. ބަޠޫލް ލަދުން ގޮސް މޯޅިވިއެވެ. އެ ދޮންމޫނަށް ޗެރީ ގެ ރަތް ކުލަވެރިވިއެވެ. ދޫ އޮޅެމުން ކަހަލަ ގޮތަކަށް ވަރަށް މަސައްކަތުން ބަޠޫލް ވާހަކަ ފެށިއެވެ.

ނުނިމޭ...

ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.