ޚަބަރު

ރޯދަ އިނާޔަތަށް 3000 ރުފިޔާ ދެވޭތޯ ސަރުކާރުން ބަލަނީ


ރޯދަ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ދޭން ނިންމާފައިވާއިރު، ސަރުކާރުގެ ވިސްނުމަކީ ކޮންމެ މުވައްޒަފަކަށް އެންމެ މަދުވެގެން ތިން ހާސް ރުފިޔާ، ރޯދަ އިނާޔަތުގެ ގޮތުގައި ދިނުންކަމަށް ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.ޕީ.ޕީ.އެމްގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ރޯދަ އިނާޔަތް ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކުރަން ރައީސް އަބްދުﷲ ޔާމީނާއި ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް ތައްޔާރަށް ތިއްބެވިކަމަށާއި، ނަމަވެސް، އެކަމަށް އިތުރު ތިރީސް ހަ މިލިއަން ރުފިޔާ ބޭނުންވާކަމަށެވެ.ރޯދަ އެލަވަންސްގެ ގޮތުގައި ދޭން މި އަހަރަށް ބަޖެޓްކޮށްފައި ވަނީ ނުވަދިހަ ދޭއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާކަމުން، މި ފައިސާ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ރޯދަ އިނާޔަތް ހަމަހަމަކުރަން ބަހާލުމުން ބޮލަކަށް ޖެހެނީ ދެހާސް އެއްސަތޭކަ ފަންސާސް ރުފިޔާކަމަށާއި، އެއީ އެންމެ އެދެވޭ ބަދަލެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާކަމަށް ނިހާން ވިދާޅުވިއެވެ.ނިހާން ވިދާޅުވީ، މުވައްޒަފުންގެ މެދުގައި ރޯދަ އިނާޔަތް މި އަހަރުވެސް ހަމަހަމަކޮށް ދޭން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ތައްޔާރަށް އޮތް ނަމަވެސް، އެކަންކުރުމަށް ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭކަމަށާއި، ނަމަވެސް އެކަން ކުރުމަށް ލިބިފައިވަނީ ވަރަށް ކުރު މުއްދަތެއްކަމަށެވެ. އަދި ވަގުތު ކުޑަތަންވެފައި އޮއްވައި އެފަދަ ނިންމުމެއް މަޖިލީހުން ނިންމައިފިނަމަ، އެކަމުގެ ސަބަބުން އަމިއްލަ ފަރާތްތަކަށް ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި، ނަމަވެސް، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ނިހާން ވިދާޅުވިއެވެ.ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި މުސާރައިގެ ތިން ބައިކުޅަ އެއް ބައި ދޭންޖެހެއެވެ. ނަމަވެސް ދެހާހަށްވުރެ މަދުން މުސާރަ ލިބޭ މީހުންނަށް ރޯދަ މަހުގެ އެލަވަންސަށް ދެހާސް ރުފިޔާ ދޭންޖެހޭއިރު، މުސާރައިގެ ތިން ބައިކުޅަ އެއްބައި ދިހަ ހާސް ރުފިޔާއަށްވުރެ ބޮޑުނަމަ، ރޯދަ އެލެވެންސްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދޭންޖެހެއެވެ.