ކުޅިވަރު

އައި.އޯ.އައި.ޖީގައި ވާދަކުރަންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާއި، ވަރަށް މަތިވެރި ރޫޙެއްގައި - ރައީސް ސާލިޙު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާއި، ވަރަށް މަތިވެރި ރޫޙެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެތްލީޓުންނާއި ރައީސް އިބްރާހިމް މުޙައްމަދު ސާލިހު މިއަދު ބައްދަލުކުރައްވައިވަނީ ކޮންޓިންޖެންޓްގެ ހުރިހާ މެންބަރުންނަށް ހިތްވަރުދެއްވާފައެވެ.

ރައީސް ސާލިޙު ވިދާޅުވީ ރާއްޖެއަކީ އައި.އޯ.އައި.ޖީގެ ފައުންޑަރ މެމްބަރު ޤައުމަކަށް ވާތީ، މިގޭމްސްގައި ރާއްޖޭގެ ޓީމްތައް ވާދަކުރަންވާނީ ވަރުގަދަ ޢަޒުމަކާއި މަތިވެރި ރޫޙެއްގައިކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންނަކީ، މިހާރު މި ސަރަޙައްދުގެ ޤައުމުތަކަށްވެސް ދޫނުކުރާވަރުގެ މޮޅު ކުޅުންތެރިންކަމަށާއި، ކޮންމެ ކުޅިވަރަކުންވެސް އަމާޒު ހިފަންވާނީ މެޑަލް ހޯދަންކަމަށެވެ.

"ރާއްޖެއަކީ އައި.އޯ.އައި.ޖީ މުބާރާތުގެ ފައުންޑަރ މެމްބަރު ޤައުމަކަށް ވާތީ، މި މުބާރާތަށް ދާންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާ ވަރަށް މަތިވެރި ރޫޙެއްގައި. މިހާރު ތިޔަ ކުޅުންތެރިންނަކީ، މި ސަރަޙައްދުގެ ޤައުމުތަކަށްވެސް ދޫނުކުރާ މޮޅު ކުޅުންތެރިން"

ރައީސް ސާލިޙު ވިދާޅުވީ މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އުންމީދުކުރައްވާ އެހެން ކަމެއްވެސް އެބައޮތްކަމަށައި، އެއީ 2023 ވަނަ އަހަރުގެ އައި.އޯ.އައި.ޖީ ރާއްޖޭގައި ބޭއްވުންކަމަށެވެ. އަދި އެކަމަށް ދިވެހިރާއްޖެއަށް ވަރަށް ގިނަ ޤައުމުތަކުގެ ރުހުމާއި ތާޢީދު މިހާރުވެސް ލިބިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ޓީމްތަކާއި ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ މުޅި ޤައުމަށް ލިބޭނެ ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފަކަށް ވާނެކަމަށައި، ކޮންމެ ކުޅުންތެރިއެއްވެސް މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަޚުލާޤުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީމް ބޭނުންކުރާ އޮފިޝަލް ކިޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި. ރާއްޖޭގެ އޮފިޝަލް ކިޓް ރައީސް ސޯލިހަށް އެރުވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ޖެނަރަލް ސެކްޓަރީ އަޙްމަދު މަރުޒޫގްއެވެ.