ޖުލައި 14 އާދިއްތަ ދުވަހާއި ގުޅޭ
ބަޠޫލް ކައިލްގެ ވާހަކަ ދެއްކުމަށް ހުރަސްއެޅިއެވެ. ނޫން...... އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް އަޑުއަހާކަށެއް........ ކައިލް އާ ވަކިވާކަށް ބޭނުމެއް ނޫން..... އަހަރެން ގެ މައިންބަފައިން އަހަރެންގެ އެއްވެސް އެދުމަކާ ދެކޮޅެއް ނަހަދާނެ... ބަޠޫލް އަސަރާ އެކު ވާހަކަ ދައްކަމުން ދިޔައެވެ. އެރޭ ވެގެން ދިޔައީ ހަދާނުން ފިލުވާލަން ދަތި ރެއެއް ކަމުގައެވެ. ދެޒުވާނުން ވަކިވެގެން ދިޔައީ އެތަކެއް އަޙްދު ތަކާ ވަޢުދު ތަކެއް ވުމަށް ފަހުގައެވެ.. ކުރިމަގަށް އެތައް ކުރެހުންތަކެއް ކުރަހަމުންނެވެ. މުޅިކާއިނާތު ހެކިކޮށެވެ.
ޗުއްޓީ ގެ ދެ ހަފްތާ އެމީހުން ހޭދަކުރީ ކުޅިވަރާ މަޖަލުގައެވެ. ޕިކްނިކް ދިޔުމާ ބާޒާރު ކުރުމުގައެވެ. ވަކިވުމުގެ ހިތާމައިގައި އެކުދިން ވަނީ މޮޅިވެރިވެފަ އެވެ. ވަކިވުމުގެ ސަލާމް ކުރަމުން ދިޔައިރު އެކުދިން ގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތި ކަމެވެ. ވަދާޢީ ސަލާމަށް ފަހު އެކުދިން ވަކިވިއިރު އުފާވެރިކަން ވެސް ހިތުގައިވެއެވެ. ގިނަދުވަސްތަކަކަށް ފަހު އާއިލާތަކާއި ބައްދަލުވުމުގެ އުފަލެވެ.
އެކުދިންނާ ބަޠޫލް ވަރަށް ތަފާތެވެ. މިއިން ކަމެއްގެ އުފާވެރިކަމުގެ ކުޑަމިންވަރެއްވެސް ބަޠޫލަށް އިޙްސާސް ކުރެވޭހެން ހިޔެއްނުވެއެވެ. ފިސް ފިސްވެފައިވާ ހިތެއް ގެ ވެރިއެއް ހެން ބަޠޫލް ހިމޭންކަމާއި އެކު އިނެވެ. ހީވަނީ މޮޅިވެރިކަމާއެކު ހިތާމައިގެ ސާލެއްލައިގެން އޮޅާލއިގެން އިންހެނެވެ. މިވަކިވުން ބަޠޫލްގެ ހިތަށް ވަރަށް ފުންއަސަރު ތަކެއް ކުރުވައިފިއެވެ. ދެލޮލުގައި ވަނީ ކަރުނަތައް ހިފެހެއްޓިފައެވެ. ހިމޭންކަމާއި މޮޅިވެރިކަމުން އެ ރީތިމޫނު ހީވަނީ މެންދުރުގެ ގަދައަވިން މިލާމޯޅިވެފައިވާ މަލެއް ހެންނެވެ. ހިތާމަ އާއި ހިތްދަތިކަމުގެ އަސަރު އެމޫނުން ކިތަންމެ ރަގަޅަށް ވެސް ހާމަވެއެވެ. އެ ދެތުންފަތުގައި ހަމަހިމޭންކަމުގެ ސީލް ޖަހާފައިވާ ކަހަލައެވެ.
ފްލައިޓްގައި އިންއިރުވެސް ބަޠޫލްގެ ހިމޭންކަން ފެނިފައި ޖެހިގެން ހުރި ޝީޓްގައި އިން ޝިފާނާ ވެސް ދެރަވިއެވެ. ވެގެން އުޅޭގޮތް ޝިފާނާނޫން އެއްވެސް ކުއްޖަކަށް ނޭގޭނެއެވެ. އެހެން ކުދިން ފްލައިޓްގައި ތިބިއިރުވެސް ދޭތެރެ ދޭތެރެއިން އެއްކުއްޖަކު އަނެއް ކުއްޖަކަށް ޓިޝޫ އުކާ ސަކަރާތް ޖަހަމުންދެއެވެ. އެހެންނަމަވެސް އެ މަޖަލުގައި ބަޠޫލް ބައިވެރިއެއް ނުވެއެވެ. ލޯ މަރާލައިގެން އިންގޮތަށް ހަމަ އިނީއެވެ. ހިތުގައި އަޅަމުންދާ ވޭން ރީތިކޮށް މޫނު މަތިން ފެންނަމުންދެއެވެ. ޝިފާނާ މަޑުމަޑުން ބަޠޫލްގެ އަތުގައި ފިރުމާލިއެވެ. ބަޠޫލް ލޯހުޅުވާލާފަ ބަލާލިއެވެ. އެއާއެކު އެތައް އިރެއްވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގެންފިއެވެ. އަދި ޝިފާނާ ގެ ކޮނޑުމަތީގައި ބޯއަޅާލުމަށް ފަހު ބާރަށް ރޯން ފެށިއެވެ. ބަޠޫލް ރޯނެވަރަކަށް ރޯން ދޫކޮށްލައިގެން ޝިފާނާ އިނެވެ.
އަމިއްލަ ވަޒަނަށް އާދެވުމުން ބަޠޫލް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހި ނުތަނަވަސްކަން ފިލަން ފެށިއެވެ. މަންމަ އާއި ބައްޕަ އާއި ދައްތަ އަދި އުމުރުން އެންމެ 6 އަހަރުގެ ލޫތު ކޮއްކޮ ފެނުމުން ވަރަށް އުފާވިއެވެ. ނަމަވެސް ހިތުގެ އެއްކަނެއްގައި އަބަދުވެސް ކައިލްގެ ހަދާންތައް އާވެ އާވެ ހުރެއެވެ. ކައިލް ގެ އިންތިޒާރުގައި ދުވަސްތައް ގުނަމުންދިޔައެވެ.
ބަޠޫލް އަށް ނޭގުނަސް ބަޠޫލްގެ ޢާއިލާ ގެ މެމްބަރުން ވަނީ ބަޠޫލް ގެ ކައިވެނި ކުރުމަށް ހަމަޖައްސާފައެވެ. ރަށުގެ މުއްސަންޖެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ފަލާޙް އާއެވެ. ދެ ޢާއިލާއިން މިހާރު ދަނީ ކައިވެނީ ގެ ތައްޔާރީތައްވެސް ވަމުންނެވެ. ބަޠޫލްގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަކަށް ބަޠޫލްގެ މައިން ބަފައިންނެއް ނުދެކެއެވެ. އެމީހުން ގަބޫލް ކުރާގޮތުގައި ފަލާޙް ގެ ޢާއިލާއިން ބަޠޫލްގެ ކައިވެންޏަށް އެދުން ވެގެން ދިޔައީ އެމީހުންގެ ހެޔޮނަޞީބު ކަމުގައެވެ. ކައިވެންޏަށް ފަހު ބަޠޫލަށް މަތީ ތަޢުލީމް ހޯދުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ފަލާޙްގެ މައިންބަފައިން ބުނި ބުނުން އެމީހުން ދުށީ ބަޠޫލަށް ލެއްވި ހެޔޮ ރަޙްމަތެއް ކަމުގައެވެ. ހުރިހާ ގޮތަކުން ވެސް އެމީހުން ގެ ދަރިފުޅަށް އަރާމު ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވުމަށްވެސް ބަޠޫލް ގެ މައިންބަފައިން ތިބީ ތައްޔާރަށެވެ. މިއިން އެއްވެސް ކަމެއް ނޭގޭ ޙާލު ބަޠޫލް ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކައިލްގެ ހަދާންތަކާއެކު ހުވަފެނުގެ ވާދީން ކުލަކުލައި ގެ މާތައް ފޮޅުވަމުން ދިޔައެވެ. ބަޠޫލް ހިގަމުން ހިގަމުން ދިޔައެވެ. ކުލަރީތި ފެހިކުލައިގެ ވާދީއެކެވެ.
ފައި ދަށުގައި އޮތީ މަޑު ކާޕެޓެއް ހެން ފެތުރިފައިވާ ފެހި ވިނަގަނޑެވެ. ވިނަތަކުގެ ރޭގައިވާ ހަރުލާފައިވާ ޝަބްނަމްގެ ތިކިތައް ހީވަނީ އެތަނަށް އުކާލެވިފައިވާ އަލިމަސްތަކެއް ހެންނެވެ. ދެ ފަރާތުގައި ހުރި ކުދި ބޮޑެތި ގަސްތަކުގައި ވަނީ ކުލަ ކުލައިގެ މާތަކެވެ. ކުލައިގެ ފިނިފެންމަލާއި ހުވަނދު މަލެވެ. މަތަރެސް މަލާއި އިރުދޭމަލެވެ. ހުސްނުހީނާ މަލާއި ގުލްސަންޕާމަލެވެ. ހުދާއި ވައިލެޓް އޯކިޑްގެ އިތުރުންވެސް އެތައް ވައްތަރެކެވެ. ބަޠޫލް ދުވަހަކުވެސް ނުދެކޭފަދަ ކުލަކުލައިގެ މާވެސް ހުއްޓެވެ. ގުދުރަތުގެ މިޢަޖަޢިބު ކުރުވަނި މަންޒަރަށް ގެއްލިފައި ހުއްޓާ މޫނުގައި އައިސް ބޮސްދިން ވައިރޯޅިއާއެކު ބަޠޫލްއަށް ހޭވެރިކަން ވެގެން އަވަސް އަވަހަށް އެސްފިޔަ ތަޅުވައިލިއެވެ.
އެވައިރޯޅީގައި ވެސް އެކުލެވިފައި ވަނީ ހުދު ފިނިފެންމަލުގެ ހިތްގައިމު މީރު ވަހެވެ. އެއާއި އެކު ކައިލްގެ ނަން ކިޔާލެވުނެވެ. ބަޠޫލް ބޭގަރާރު ވެއްޖެއެވެ. ކައިލް އެތާގައި ވާނެ ކަމަށް ބަޠޫލްގެ ހިތް ބުނަމުން ދިޔައެވެ. އެތައް ހިސާބު ދުރަށް ފެތުރިފައިވާ ފެހިކުލައިގެ ބޯ ކާޕެޓެއް ކަހަލަ ވިނަގަނޑު މަތިން ބަޠޫލް ހިނގައިގަތެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު މަޑު ކާޕެޓްގަނޑެއްގެ ތެރެއަށް ފައިތިލަ ވަންނަހެން ހީވެއެވެ. އިރުއިރު ކޮޅާ ޖެހިލާ ވައިރޯޅިތަކުން ބަޠޫލް ދޮން މޫނުގައި ބޮސް ދީފައި އެރީތި އިސްތަށިގަނޑާއި ސަމާސާ ކުރަމުންދެއެވެ.
ވަކި ހިސާބަކުން ހިޔަންޏެއް ފެނިގެން ބަޠޫލްގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. ވައިރޯޅިތަކުގެ ގޯނާއިން ކުދި ބާނިތަކެއް އުފެދެމުން ދިޔަ އެފެންގަނޑުން އެ ހިޔަނި ފެނިގެން ބަޠޫލް ތިރިވިއެވެ. މަޑުމަޑުން އަތްތިލަ ހުޅުވާލައިފައި ފެންގަނޑުގައި އިނގިލިތައް ބީއްސާލުމާއި އެކު ހިޔަނި ފިލައިފިއެވެ. ތެދުވެ ހިންދެމި ލާއިރަށް ދުރުން އުދުހެމުން ދިޔަ ލޭ ކޮކާތަކެއް ފެނިއްޖެއެވެ. ބަޠޫލް ގެ މިސްރާބު އެލޭކޮކާ ތަކާއި ދިމާއަށް ބަދަލުކޮށްލާފައި އަނެއްކާ ހިނގައިގަތެވެ. އެތަނުގައި ކައިލް ވަރަށް ސްމާޓް ކޮށް ހުއްޓިލައިގެން ހުއްޓެވެ. ހީވީ ބަޠޫލް ގެ ހިތުގެ ވިންދު ހުއްޓުނު ހެންނެވެ. ދެތިން ފަހަރަކު އަވަސް އަވަހަށް އެސްފިޔަ ތަޅުވާލިއެވެ. ދެވަނަ ސިކުންތުގައި ބަޠޫލް ހުރީ ކައިލްގެ ދާދި ކައިރީގައެވެ.
ކައިލް ހާދަރަގަޅެވެ. ތިއައީ ދޯ... އަހަރެން ދެކެ ލޯބިވާ މިންވަރު ކައިލް ސާބިތު ކޮށް ދީފިއެވެ. ބަޠޫލް މޮޔައެއް ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ. ކައިލްގެ ލޮލުގަ ހުރި ވޭނެއް ބަޠޫލް އަކަށް ނުފެނެއެވެ. އެންމެ ފަހަރަކު ކައިލްގެ ލޮލަށް ބަލާލިނަމަވެސް އެވޭނާ ރިހުން ބަޠޫލް އަށް ފެންނާނެއެވެ. ބަޠޫލް ގޮވައިގެން ކައިލް ކުލަ ރީތި ވާދީތަކުގެ ތެރެއަށް ވަދަގެން ދިޔައެވެ. އުފާވެރި އެތައް މަންޒަރެއް ދެއްކިއެވެ. އާރޯ ގަސްތަކާ މަލުގެ ބަގީޗާތަކުގަ މަޖާކުރިއެވެ. ދުރުގައި ހޭދަކުރި ދުވަސްތަކު ގ ހަދާންތައް ހިތުން ފިލާވަރަށެވެ.
ދެލޯބިވެރިން ވަރުބަލިވެގެން ޖައްސާލީ ފެހިކުލައިގެ ބިޔަ ގަހެއްގެ ދަށުގައެވެ. ވަށައިގެން އޮތީ ސާފު ފެންކޯރެކެވެ. ކޯރުގެ ފައްވާރާގެ މިޔުޒިކީ އަޑުން އެމާހައުލަށްވަނީ އުފާވެރިކަން ގެނެސްދީފައި އެވެ. ބަޠޫލް އެވެ. ބަޠޫލްގެ ކައިވެނި ފަލާޙް އާއި މި ހަފްތާތެރޭގައި ކުރެވޭނެއެވެ. ވޭނާ ރިހުން އެކުލެވިގެން ވީ އަޑަކުން ކައިލް ބުނެލިއެވެ. ކީކޭ... ބަޠޫލަށް ތެޅިގަނެވުނެވެ. ވިހަގަދަ ސޫތްޕެއް ކަށިޖެހިނަމަވެސް ބަޠޫލް އަކަށް އެވަރެއްނުވީސް ކަން ނޭނގެއެވެ.
ކައިލް ތިކަހަލަ ސަމާސާ ކުރަނީ ކީއްވެތަ ....ނަމަވެސް ކައިލްގެ ދެލޮލުން އޮހޮރެމުންދާ ކަރުނަތައް އެވާހަކަތައް ގަބޫލުކުރަން މަޖުބޫރު ކުރުވިއެވެ. ބަޠޫލްގެ މައިން ބަފައިން ނިންމުންތައް ކައިލް ކިޔައި ދިނެވެ. އަދި އޭނަގެ ޙަގީގަތް ވެސް ބަޠޫލް އަށް ކިޔައި ދިނެވެ. ކައިލް އަކީ ޖިންނި ދަރިކޮޅަކުން އައިސް ހުރި ޖިންނިއެއް ކަމަށް ބުނުމުން ބަޠޫލް ގެ މެޔަށް ފިނިވެގެން ދިޔައެވެ.
ނުނިމޭ....
ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.