ފުލުހުން ޚިދުމަތުގައި މަގާމުގެ ނުފޫޒު ނަޖާއިޒުގޮތުގައި ބޭނުންކުރާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކާއި އަދިވެސް އެނޫން އެކިކަންކަމަށް ތުހުމަތުކޮށް މިހާރުގެ ޕޮލިސް ކޮމިޝަނަރ ހުސައިންވަހީދުގެ މައްޗަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާމެދު އަބުރުގެ ދައުވާކުރައްވަން ތައްޔާރުވެ ވަޑައިގަންނަވަމުންގެންދަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.ސީޕީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނީ ހަމަތަކާއި ޚިލާފަށް ހައްޔަރުކުރި ކަމަށާއި ފުލުހުންގެ ބާރު ނަހަމަގޮތުގައި ބޭނުންކުރިކަމަށާއި އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމުގެ މައްސަލާގައި ހަދައިގެން ފުލުހުން ކަންތައްތަކެއް ކޮށްފައިވާކަމުގެ ތުހުމަތު ކުރެވެމުންދާކަމަށެވެ. ތުހުމަތުކުރެވޭނަމަ އެކަމުގައި ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ދަށުން އަމަލުކުރުމުގެ ބަދަލުގައި އަބުރުކަތިލުމުގެ ވާހަކަތައް ދައްކަމުންދާތީ އަދި ޚުދު އެމަނިކްފާނަށް ނިސްބަތްކޮށްވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާތީ އެވާހަކަތައް ދައްކާ ފަރާތްތަކާއި ދެކޮޅަށް އަބުރުގެ ދައުވާ އުފުލުމަށްޓަކައި މައްސަލައަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާކަމަށް ސީޕީ ހުސައިން ވަހީދު ވިދާޅުވިއެވެ.ޕޮލިސް ކޮމިޝަނަރ ވިދާޅުވީ ކުށުގެ ވެށި އަމާން ކުރުމަށްޓަކައި ފުލުހުންނަށް ޒިންމާކުރެވިފައިވާ އަދި ދެވިފައިވާ ބާރުގެ ދަށުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެކަމަށެވެ. އަދި ޚާއްސަކޮށް އެކެއް މޭގައި ހިންގާފައިވާ ހާދިސާއަށް ބަލާއިރު މުޒާހަރާކުރާ މީހުންގެ ކުރިމަތީގައި ވެހިކަލެއް ބާއްވައިގެން ފުލުހުން އެއަށް ކުރިމަތިލާގޮތަށް ބައިތިއްބަން ވަރަށް ބޮޑަށް ފަސްޖެހި ވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.މީގެއިތުރަށް ބައެއް މީޑިއާތަކަށްވެސް ޕޮލިސް ކޮމިޝަނަރ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ވިދާޅުވީ ފުލުހުންނާއިބެހޭގޮތުން ހަގީގަތާއި ޚިލާފް ދޮގުޚަބަރުތައް ފަތުރަމުންދާއިރު އެފަދަމީޑިއާތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ފޯރިއަށް ބައިތިއްބަންވީތޯ މިއީ މިހާރު ވިސްނަންޖެހިފައިވާކަމެއްކަމަށެވެ.