ކުޅިވަރު

ފުރަތަމަ މެޗުގައި ރިޔޫނިއަން އަތުން ރާއްޖެ ބަލިވެއްޖެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރެޔޫނިއަން އަތުން ބަލިވެއްޖެއެވެ. މިއަދު ކުޅުނު މެޗުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ބަލިވީ ހަތަރެއް ސުމަކުންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެން ދިޔައީ ދިވެހިރާއްޖެއިންނެވެ. އެހެންނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ރެޔޫނިއަންގެ އަންޖީ ވަޑަޕިން ވަނީ ގޯލެއް ޖަހައި ރެޔޫނިއަންއަށް ލީޑް ނަގައިދީފައެވެ. އިސްކޮޅުން ދިގު އަދި ހަށިގަނޑުން ވަރުގަދަ ކުޅުންތެރިން ކައިރީގައި ދިވެހި ކުޅުންތެރިންނަށް މަތިން ކުޅޭ ބޯޅަތައް ލިބޭ ގޮތެއް ނުވެއެވެ. ނަތީޖާއަކަށްވީ ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ރެޔޫނިއަންއިން އިތުރު ލަނޑެއް ޖެހުމެވެ. ރެޔޫނިއަންގެ އަކްބަރު އައްސޫމާނީ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ނެގި ހުރަސް ކެޕްޓަން މިޝޭލް ފޮންޓެއިން ފޮނުވާލީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ހާފުގައި ދިވެހި ޓީމުން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ނާއިޒު ހަސަންއެވެ. ރެޔޫނިއަންގެ 3 ކުޅުންތެރިން ބީޓްކޮށްލާފައި އޭރިއާ ތެރެއަށްވަދެ އޭނާ ފޮނުވާލި ބޯޅަ ރެޔޫނިއަންގެ ޑިފެންޑަރ ޔޮހަނާ ގޫޗާދްވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖޭގެ އިބްރާހިމް މަހުދީއަށް ހުސް ފުރުސަތެއް ލިބުނެވެ. އަލީ ފާސިރު ނަގައިދިން ހުރަހަކުން ރެޔޫނިއަންގެ ޑިފެންޑަރު ދިފާއުކުރި ބޯޅަ ދިޔައީ އިބްރާހިމް މަހުދީ ފައި ކައިރިން ބޭރަށެވެ. ދެވަނަ ހާފުގެ 56ވަނަ މިނެޓުގައި ރެޔޫނިއަންގެ ސެބަސްޓިއަން އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު މުޙައްމަދު ފައިސަލްވަނީ ދިފާއުކޮށްފައެވެ. މިއީ މިހާތަނަށް މެޗުގައި ފެނުނު އެންމެ ރަނގަޅު ސޭވްއެވެ.

ދެވަނަ ހާފުގައި ރެޔޫނިއަންގެ ފަހު ދެ ލަނޑު ޖަހައިދިނީ ރެޔޫނިއަންގެ ކެޕްޓަން މިޝޭލްއާއި މެތިއު ސަރްޕެޑޮންއެވެ. މި ހާފުގައި ދިވެހި ޓީމްގެ ނާއިޒް ހަސަން އަދި ސަމްދޫހު މުޙައްމަދަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް ދެ ކުޅުންތެރިން ފޮނުވާލި ބޯޅަވެސް ގޯލާއި އަމާޒެއް ނުވިއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޮރޯސްއާއި ދެކޮޅަށް ނިކުންނައިރު، ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ މަޔޯޓްއާއި ދެކޮޅަށެވެ.