އިންޑިއަން އޯޝަން އައިލެންޑު ގޭމްސް، އައިއޯއައިޖީގައި ވާދަ ކުރާ ޤައުމީ ފިރިހެން ޓީޓީ ޓީމާއި ޤައުމީ އަންހެން ޓީޓީ ޓީމު ވަރުގަދަ ގުރޫޕެއްގައި ހިމެނުނު ނަމަވެސް ނަތީޖާއާއިމެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ޤައުމީ ޓީޓީ ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިއުރީ ބުނެފިއެވެ.
ޓީޓީ އިވެންޓްގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ފިރިހެން ޓީމު ހިމެނެނީ ރިޔޫނިއަން އަދި މަޑަގަސްކަރއާއިއެކު ގްރޫޕް އޭގައެވެ. އަންހެން ޓީމު ހިމެނެނީ މޮރީޝަސް އަދި މަޔޮޓްއާއިއެކު ގްރޫޕް ބީގައެވެ.
ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޓީމްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިއުރީ ބުނީ ދިވެހި ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައިކަމަށާއި ވަރުގަދަ ގުރޫޕެއްގައި އޮތަސް އުއްމީދު އެބައޮތްކަމަށެވެ. އޭނާ ބުނީ ރިޔޫނިއަންއަކީ ކޮންމެ އަހަރަކުވެސް އެންމެ ވަރުގަދަ އެއް ޓީމުކަމަށާއި އެ ޓީމާއިމެދު ސަމާލުވާނެކަމަށެވެ. ޝިއުރީ ބުނީ ބައެއް ޓީމުތަކުން ޤައުމަށް ނިސްބަތް ނުވާ ކުޅުންތެރިން ހިމަނައިގެން ޓީމު އެކުލަވާލާފައިވާކަމަށާއި އެކަން ފާހަގަކޮށް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކަށް ހުށަހަޅާފައިވާނެކަމަށެވެ. އޭނާ ބުނީ ދިވެހި ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައިކަމަށައި އުއްމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުންކަމަށެވެ.
"ބައެއް ޓީމްތަކުން އެބައުޅޭ ގައުމުން ބޭރު ކުޅުންތެރިން ހިމަނައިގެން. ބެލްޖިއަމް ކުޅުންތެރިންއެއް އެބަ ކުޅޭ މަޔޮޓް ޓީމަށް. އެކަމަކު ދިވެހި ޓީމު އެކަންކަމާއި ނުވިސްނައި ހަމަ ތައްޔާރުވެފައި މިއޮތީ. އުއްމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން" ޝިއުރީ ބުންޏެވެ.
މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، އިންޑިވިޖުއަލް އިވެންޓުތައް ކުޅޭނީ ޓީމު އިވެންޓަށް ފަހުގައެވެ.