ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.
އެއިދަރާއިން ލަފާކުރައްވާގޮތުގައި ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ދާނީ ރަނގަޅުވަމުން. އެހެންނަމަވެސް ކޮންމެ ވެސް ވަރަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުން އެކަށީގެންވާކަމަށާ، ޢާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
އެއޮފީހުން ވިދާޅުވީ މޫސުން ގޯސްނުވިނަމަވެސް ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާކަމެއްކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
އަދި ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
މޫސުންގޯސްވެ ވައިގަދަވާ ވަގުތުތަކުގައި އުސް ޢިމާރާތްތަކުގައި ރައްކާތެރިކަމެއް ނެތި ހުންނަ ތަކެއްޗާއި ބެލްކަނީގައި ހުންނަތަކެތި މަގުމައްޗަށް ވެއްޓުމުގެ ޙާދިސާތައް ހިނގާފާނެކަމަށްޓަކައި އެފަދަ އުސް ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި ހަދަމުން އަންނަ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުންނަ ދަގަނޑު ހޮޅިފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަށާއި ވައި ގަދަވާ ގަޑިތަކުގައި ނުރައްކާތެރި ޙާދިސާތައް ނުހިނގާނެފަދަގޮތަކަށް ތަކެތި ބެހެއްޓުމަށް މަސީންވެސްވަނީ ސައިޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.