ޔޫއެފާ ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގެ ފުރަތަމަ މެޗުން، މިސަރަހައްދުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމް، ބޫޓާނު އަތުން ރާއްޖެ ބަލިވެއްޖެއެވެ.
އައްޑޫ ސިޓީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ފެށި މިމުބާރާތް ފަށްޓަވައި ދެއްވައި މެޗް ޝަރަފުވެރި ކޮއްދެއްވީ ދިވެހިރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމެވެ. ގިނަ ޢަދަދެއްގެ ބަޔަކު ބަލަން ދިޔަ މިމެޗުން ރާއްޖެ ބަލިވެފައިވަނީ 2-1 ނަތީއްޖާ އަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީވެސް އިދިކޮޅު ބޫޓާނުންނެވެ.
ފުރަތަމަ ހާފުގައި އަވަސް ކުޅުމެއް ދެއްކި ބޫޓާނުން ގިނަ ލަނޑުތަކެއް ޖަހަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ 6ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ، ޖުގުމޭ ނަމްގްޔާލުއެވެ. މިލަނޑާއި ރާއްޖެއިން ކުޅުން ރަނގަޅުކޮށް ބޯޅަތަށް މައިތިރި ކުރެވޭގޮތަށް މަސައްކަތް ފެށިއެވެ. ނަމަވެސް ހާފުގެ މެދަކާހިސާބުން 25ވަނަ މިނެޓުގައި ބޫޓާން ޓީމުން ލިބުނު ފުރުސަތެއްގައި އެޓީމުގެ ކެޕްޓަން ބިކާޝް ޕްރަދަންވަނީ އިތުރު ލަނޑެއް ޖަހާފައެވެ.
މެޗަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައްޖޭގެ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) ބުނީ ސަރައްދީ ގޮތުން ބެލިޔަސް ބޫޓާނަކީ ބަލިޓީމެއްކަމަށް ޤަބޫލް ނުކުރާ ކަމަށެވެ. އަދި ކުޅުންތެރިންގެ ކުޅުމާމެދުވެސް ކޯޗް ހިތްހަމަޖެހޭކަމަށް ވަނީ ބުނެފައެވެ. ކޯޗް އިތުރަށް ބުނި ގޮތުގައި މިދެޓީމުގެ ޑިފަރެންސް އެންމެ ބޮޑަށް ދެއްކީ ޓީމު އެކުގައި ހޭދަކުރާ ވަގުތު މަދުވުމުން ކަމަށެވެ.
ބޫޓާނު ކޯޗް އަޓްސުޝީ ނަކަމޫރާ މިމެޗް ސިފަކޮށްފައިވަނީ ނަސީބުވެރިގޮތަކަށް ލިބުނު މޮޅެއްގެ ގޮތުގައެވެ. އޭނާ ފާހަގަ ކުރިގޮތުގައި ރާއްޖޭގެ ކުޅުންތެރިންނަށްވުރެ ބޫޓާން ކުޅުންތެރިން އިސްކޮޅުން ކުރުވީމާ އެތަން ދެއްކިކަމަށެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލިބުނު ދެގޯލާއެކު އިތުރަށް ގޯލް ސްކޯރ ކުރަން ކުރެވުނު މަސައްކަތް ނާކާމިޔާބުވިކަން އޭނާ ފާހަގަކުރެއެވެ.
މިމުބާރާތުގައި މާދަމާ ކުޅޭނީ ލެޓްވިއާއާއި ސަޢުދި އަރަބިއްޔާއެވެ. މިމެޗު ކުޅޭނީ މާދަމާ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައެވެ.