ސެމީ ފައިނަލްގައި މަޑަގަސްކަރ 3-1އިން ބަލިކޮށް ދިވެހިރާއްޖޭގެ އަންހެން ޓީޓީ ޓީމް ފައިނަލުން ޖާގަ ހޯދައިފިއެވެ.
2015ގެ ގޭމްސްގައި ރަން މެޑަލް ހޯދި މޮރީޝަސް ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައި ސެމީން ޖާގަ ހޯދި ދިވެހިރާއްޖޭގެ އަންހެން ޓީމް މަޑަގަސްކަރ އަތުން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ޓައިގައި ރާއްޖެއިން ކުޅެން ނިކުތީ ރަފާ ނާޒިމްއެވެ. ސީދާ ތިން ގޭމުން ރަފާ މެޗު ކާމިޔާބުކުރިއިރު، ރަފާ ސެޓުތައް ގެންދިޔައީ 12-10، 11-06 އަދި 11-04އިންނެވެ.
ދެވަނަ ޓައިގައި ކުޅެން ނިކުތީ ރާއްޖޭގެ ޗެމްޕިއަން ފާތިމަތު ދީމާ އަލީއެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-07، 11-06 އަދި 11-04އިންނެވެ.
ތިންވަނަ ޓައިގައި ރާއްޖޭގެ މުއީނާ މުޙައްމަދުވަނީ މަޑަގަސްކަރ ކުޅުންތެރިޔާ އަތުން ބަލިވެފައެވެ. ފުރަތަމަ ގޭމު 11-08އިން މުއީނާ ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ތިން ގޭމުން މުއީނާ ބަލިވީ 09-11، 04-11 އަދި 09-11އިންނެވެ.
ހަތަރުވަނަ ޓައިގައި ދީމާ ކުޅެން ނިކުމެވަނީ 11-08، 11-05 އަދި 11-06ގެ ނަތީޖާއިން ސެޓުތައް ހޯދައި ރާއްޖެއަށް ފައިނަލުން ޖާގަ ހޯދައިދީފައެވެ.
މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލުން ދިވެހި ޓީޓީ ޓީމެއް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލްގައި ދިވެހި ޓީމް ނިކުންނާނީ 2015ގެ ރަން މެޑަލް ހޯދި މޮރީޝަސްއާއި ދެކޮޅަށެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖުގައި މި ދެ ޓީމް ކުޅުނު މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދިވެހިރާއްޖެއެވެ.