ޖުލައި 21 އާދީއްތަ ދުވަހާއި ގުޅޭ
ބަޠޫލް ތެދުވީ ކުއްލިއަކަށެވެ. އަދި ފުރަތަމަވެސް މޫނުގައި އަތް އަޅައިގެން ރޯން ފެށިއެވެ. އިރުކޮޅަކުން ދެއަތްތިލަ މޫނާއި ދުރުކޮށްލިތަނާ ރުއިމާއި ހުނުމާއި ދިޔައީ އެކުވެގެންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާފައި ބަޠޫލް ދުއްވައިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސް ކައިލް އާއި ދިމާއަށް ފުންމައިގަތެވެ. ބަޠޫލް ގެ ރުއިމުގެ އަޑު އިތުރަށް ގަދަވެގެން ދިއުމާއެކު ކައިލްގެ ކަރުގައި ބާރަށް ދެއަތުން ވަށާލައިފައި ކޮނޑުގައި މޫނުޖެހިއެވެ. އެބާރުގަދަ ދެއަތުގެ ތެރޭގައި ކައިލްގެ ހަށިގަނޑު ހިފަހައްޓާލައިގެން ހުރިގޮތުން ކައިލް ވެސް ހީވަނީ ދުވަހަކު ދޫކޮށްނުލާން ނިންމައިގެން ހުރި ހެންނެވެ.
ބަސްނުމޮށެވޭ ބަހުރުވައިން އެމީހުން އެތަކެއް ވާހަކައެއްދެއްކިއެވެ. އެތަކެއް ޝަކުވާ ކުރިއެވެ. ކަރުނައިގެ ތެރޭންނެވެ. ކައިލް ބަޠޫލް އަށް ހިތްވަރުދެމުން ދިޔައެވެ. މައިން ބަފައިން ގެ އުފަލަށް ޓަކާ ލޯބިގުރުބާންކުރުމަށެވެ. އެމީހުންނަށް ވަކިވާން މަޖުބޫރުވީ ކައިވެނިކުރާ ވަގުތު ކައިރިވާތީ ބަޠޫލް ގެ ދައްތަ ކޮޓަރީގެ ދޮރުކައިރީގަ ހުރެގެން ގޮވަންފެށުމުންނެވެ. ކައިލް ދަމުންދިޔައީ އެމީހުން ގެ ލޯބީގެ ނިޝާން ކަމަށްވާ ހުދުފިނިފެންމާ ބޮނޑިއެއް ހަދިޔާކުރުމަށްފަހުގައެވެ. ބަޠޫލް ގެ ޚަބަރެއްނުވެގެން ބަޠޫލް ގެ ދައްތަ ކޮޓަރިއަށް ވަންއިރުވެސް ބަޠޫލް ހަމަ ހުރިގޮތަށް ހުރީއެވެ. އޭނަގެ ޙިއްޞުތައް މަސައްކަތް ކުރާހެނެއް ހިޔެއްނުވެއެވެ. ދައްތަ އަތުގަ ހިފާލުމާއި އެކު އެއްވެސް ޙަރަކާތެއްނެތް މީހަކުފަދައިން ކޮޓަރިން ނިކުންނަން ހިގައިގަތެވެ.
ކައިވެނީ ގެ މޭޒު ދޮށުގައި އިންއިރުވެސް އެތަނުގައި ހިނގާ އެއްވެސް ކަމެއް ބަޠޫލް އަކަށް އިޙްސާސެއްވެސް ނުކުރެވެއެވެ. މޭޒާ ދިމާލަށް ހުރި ކުޑަދޮރާ ދިމާލަށް ބަލަހައްޓައިގެން އިންގޮތަށް އިނީއެވެ. އޭރުވެސް އިނީ އަތުގައިއޮތް ހުދު ފިނިފެންމާބޮޑީގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ކައިވެނި ކޮށް ނިމުމުން ސަލާމް ކުރުމަށް އަތްދިއްކޮށްލީވެސް ދައްތަ އަތުގަ ހިފާބާރުކޮށް ލުމުންނެވެ.
އަލަތު ކައިވެންޏަށް ފަހު ބަޠޫލް ގެ ދިރިއުޅުން ބަދަލުވީ ފަލާޙް ގެ ގެޔަށެވެ. ކައިވެނީ ގެ ތަންމަތި ބަޠޫލްއަށް ވެގެން ދިޔައީ ކަށީ ގެ ދާނެއްކަމުގައެވެ. ހިތާ ދެކޮޅަށް ހަގުރާމަކުރަމުން ދިޔަ ބަޠޫލްގެ އަޒުމަކަށްވީ ކޮންމެ ގޮތަކަށް ވިޔަސް ރަނގަޅު އަނތްބަކަށް ވުމަށެވެ. ކައިވެންޏަށް ފަހުވެސް އުފާވެރިކަމެއް ބަޠޫލް ގެ މޫނުމައްޗަކުން ނުފެނެއެވެ. ފަލާޙް ގެ ޢަމަލުތައް ހުންނަގޮތުން މާބޮޑަށް ވެސް ހިތްދަތިވެއެވެ. ފިރިއެއްގެ ފަރާތުން ލިބެންވާ ލޯތްބާ އަޅާލުމުގެ ބަދަލުގައި ލިބެމުން ދަނީ އަނިޔާއެވެ. ބަޠޫލް ކަރުނަޔާ ހިތްދަތިކަމުގެ ކޯރެއްގަ ފަތަމުން ދިރިއުޅުމާ ހަގުރާމަ ކުރަމުން ދިޔައެވެ. މިދިރި އުޅުމަށް ވުރެން އެހެން ނަސްލެއްގެ މީހަކާއެކު ދިރިއުޅުންވެސް ހާސްބައި ރަނގަޅެވެ.
ނުނިމޭ....
ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.